ރާއްޖޭގެ ޤައުމީ ސީނިއާ އަންހެން ވޮލީ ޓީމުން، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކިބައިން މައާފަށް އެދެން އަންގައިފި އެވެ.

ޤައުމީ ވޮލީ ބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވީއޭއެމްގެ ކިބައިން މައާފަށް އެދެން އެންގީ އާދީއްތަ ދުވަހު ކުޅުންތެރިންނަށް ފޮނުވި މެއިލެއްގައި އެވެ. އެ މެއިލްގައި ވީއޭއެމް އިން ވަނީ ޤައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން މި މަހު 15 ވަނަ ދުވަހު ފަރިތަކުރުމަށް ނުނިކުތީ ކުޅުންތެރިިން ރާވައިގެން ކަމަށާއި، އެހެންކަމުން އެ ކަމަށް އެސޯސިއޭޝަންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައި އެވެ. 

މިކަމާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ޤައުމީ ޓީމުގެ ކުޅުންތެރިން މި މަހުގެ 16 ވަނަ ދުވަހު ކުރިއެކޭ ވެސް އެއްގޮތައް އޮފީހަށް ނުކުންނަށް ޖެހޭ ކަމަށާއި، އެހެންކަމުން ކުޅުންތެރިން އޮފީހަށް ނުކުތުމަށް އެކި ގޮތް ގޮތުން ތައްޔާރީތަކެއް ވާން ހުރި ކަމަށެވެ. އެހެންވެ، 15 ވަނަ ދުވަހުގެ ފަރިތަކުރުން ތަކަށް ޤައުމީ ޓީމުގެ ކުޅުންތެރިން ނުކުމެފައި ނުވާ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އާދިއްތަ ދުވަހު ވީއޭއެމް އިން ޤައުމީ އަންހެން ސްކޮޑުގެ ކުޅުންތެރިން މައާފަށް އެދެން ވަނީ އަންގައިފަ އެވެ. އަދި އެ މެއިލްގައި ވަނީ މައާފަށް ނޭދޭ ކުޅުންތެރިންނަށް ދެން ގައުމީ ސްކޮޑުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އަންގައިފަ އެވެ.

ވީއޭއެމް އިން ޤައުމީ ޓީމުގެ ކުޅުންތެރިންްނަށް މި ފަހަކަށް އައިސް އަންނަނީ ގިނަ ޑިސިޕްލިނަރީ މައްސަލަތަކެއް ފެންމަތި ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން ސަސްޕެންޑް ވެސް ކޮށްފައި އެވެ. އެފަހަރު ޝަމާއިލް ސަސްޕެންޑު ކުރީ ވީއޭއެމްގެ ހުއްދަ ނެތި ލ. އަތޮޅުގައި ކުރިއަށް ދިޔަ މުބާރާތެއްގައި ކުޅުނު ކަމަށް ބުނެ އެވެ. ފަހުން ޝަމާއިލް ވަނީ ވީއޭއެމްގެ ކިބައިން މައާފަށް އެދި، ޤައުމީ ޓީމާ އަލުން ގުޅިފައި އެވެ.

މިކަމާ ގުޅޭ ގޮތުން ވީއޭއެމްގެ ބަހެއް ހޯދުމަށް ކުރި މަަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ.