މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ
މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ފެންނަމުންދަނީ އެކި މުއައްސަސާތަކުން ވާދައަށް
އިވެންޓުތައް ބާއްވަމުންދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު
ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ
"ފަލަސުރުޚީ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ޑރ. ޝަމްހީދު ވިދާޅުވީ ސަރުކާރުގެ މި ހާލަތު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ވެބްސައިޓަށް ބަލާލުމުން އެކަނިވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
އެގޮތުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ނަތީޖާ ފެނުމުގެ ބަދަލުގައި، ވެބްސައިޓުން
ފެންނަނީ ހުސް އިވެންޓުތައް ބާއްވައި އެކަންކަމުގެ ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑު
ކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން
ރައްޔިތުންނަށް ބޭނުންވާ ހަގީގީ ނަތީޖާއެއް ނުނެރެވޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަނީ ހުސް އިވެންޓުތައް ބާއްވައި އެކަންކަމުގެ ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑު ކުރަމުންދާ މަންޒަރު، އެއިން އެއްވެސް ކަމަކުން ރައްޔިތުންނަށް ބޭނުންވާ ހަގީގީ ނަތީޖާއެއް ނުނެރެވޭމެންބަރު ޑރ. އަޙުމަދު ޝަމްހީދު
ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ މަސައްކަތްތައް
ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، ހުރިހާ ވުޒާރާއެއްގެ ހާލަތުވެސް
ހުރީ ހަމަ މިފަދަ ގޮތަކަށް ކަމަށެވެ. ރައްޔިތަކަށް ކޮށްދޭންޖެހޭ އަސާސީ ކަމެއް ނުކޮށްދެވުނު
ނަމަވެސް، ބޮޑެތި ހަފްލާތަކާއި އިވެންޓުތައް ބޭއްވިއްޖެނަމަ މިއަދުގެ ސަރުކާރަށް އެވަރުން
ފުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމުގައި
ސަރުކާރުން ގެންގުޅޭ ވަރަށް ޒިންމާދާރުކަން ކުޑަ ސިޔާސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މީގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުން
ބާއްވާ މިފަދަ ކޮންމެ އިވެންޓަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދު ކުރަމުންދާ
ކަމަށެވެ. ގައުމުގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ
ދަނޑިވަޅެއްގައި، މިފަދަ ބޭކާރު ހަފްލާތަކަށް ދައުލަތުގެ ފައިސާ އިސްރާފު ކުރުމަކީ
އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި،
ސަރުކާރުގެ އަމާޒު ހުރީ ހަގީގީ ތަރައްގީ ގެނައުމުގެ ބަދަލުގައި ދެއްކުންތެރިކަމުގެ
ސިޔާސަތެއް ކުރިއަށް ނެރުމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި
ގެއްލުންތަކެއްވަމުންދާކަން ފާހަގަކުރައްވައި، ރައްޔިތުންގެ ފައިސާ މިއަށްވުރެ ޒިންމާދާރު
ގޮތެއްގައި ބޭނުންކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.