އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ "ހައި
އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން،
ރާއްޖޭގެ 42 ރަށެއްގައި ގާއިމުކޮށްފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް
ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު
ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގަ އެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން
ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ
ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު
ޖީ. ބާލަސުބްރަމާނިއަން އެވެ.

މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ
ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން
މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، 42 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް
ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ އާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި
ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ
ދިރިއުޅުމަކަށް ބާރުއެޅި، ފެންވަރު ރަނގަޅު ކަސްރަތު ކުރާނެ ވަސީލަތްތައް ފަސޭހައިން
ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިއީ ރައީސް ޑރ.
މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުން"
މި ސިޔާސަތުގެ ދަށުން، ގައުމީ މަސްލަހަތާއި ތަރައްގީގެ އިސްކަންދޭ ކަންކަމަށް ބިނާކޮށް
ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް
މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ދެއްކެވި
ވާހަކަފުޅުގައި، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމާއި،
އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަރުކަޒުތަކަކަށް
ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރެއްގެ މީހުންނަށް،
ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި
ބައިވެރިވުމަށް ފުރުސަތުތައް ފަހިވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ދުޅަހެޔޮކަން ދިގު
މުއްދަތަކަށް ދެމެހެއްޓުމަށް އެހީތެރިވެދޭނެކަން މިނިސްޓަރު ފާހަގަކުރެއްވި  އެވެ.

މި ރަސްމިއްޔާތުގައި ދެ މިނިސްޓަރުން ވެސް ވަނީ
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތަކަށްޓަކައި ޝުކުރު
އަދާކުރައްވާފައެވެ. ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ
މޯދީ، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި،
އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފަ އެވެ.