މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް ބަލާއިރު، މަގުތަކުގެ
64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު
ކަމަށާއި، ތޮއްޖެހުން
ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ތޮއްޖެހުން
ކުޑަކުރުމާއި ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ
ކުރުމަށް ހޯމަ ދުވަހު ބޭއްވި "ކޮންސަލްޓޭޝަން ވަރކްޝޮޕް އޮން ޑީކޮންޖެސްޝަން އެންޑް
ޑިޒާސްޓަރ ރެޒިލިއަންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަސައްކަތު ބައްދަލުވުމަކީ މާލެ ސަރަހައްދުގައި
އޮތް ތޮއްޖެހުމުގެ މައްސަލައާއި ކާރިސާތަކުގެ ނުރައްކަލާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާއި،
ފަންނީ މާހިރުންނާއި، އަމިއްލަ ސެކްޓަރުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މެދުގައި
ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލު ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ
އެންމެ ފަހުގެ ހޯދުންތަކަށް ބަލައި، އެ ނިޒާމު ހަރުދަނާކުރުމަށް ހުރި ހުރަސްތަކާއި
ފުރުސަތުތައް ދެނެގަނެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު އާޒިމް ވިދާޅުވީ، މާލެއަކީ ދުނިޔޭގެ ނިސްބަތުން
ވެސް އެންމެ އާބާދީ ބޮޑު އެއް ސިޓީއަށް ވާއިރު، މި ސިޓީއަށް ދިމާވެފައިވަނީ ގޮންޖެހުން
ބޮޑު މައްސަލަތަކެއް ކަމަށެވެ. މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކަށް ބާރުބޮޑުވެފައިވަނީ
އިގްތިސާދީ ހަރަކާތްތަކާއި މީހުންގެ ދަތުރުފަތުރު އިތުރުވުމުގެ ސަބަބުން ކަމަށާއި،
މީގެ ސަބަބުން އާންމު ސިއްހަތަށާއި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރަމުންދާ
ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް
ބަލާއިރު، މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު ކަމަށާއި، ތޮއްޖެހުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް
އާޒިމް ވިދާޅުވި އެވެ.
މި މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، އދ.
ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ
އެހީތެރިކަމާއެކު މާލެ ސިޓީ ކައުންސިލުން ވަނީ "އަރބަން މޮބިލިޓީ ސަރވޭ" އެއް
ކުރިއަށް ގެންގޮސްފަ އެވެ.
މި ސަރވޭގެ ޒަރީއާއިން އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި،
ދަތުރުފަތުރު ކުރާ ގޮތުގެ އާދަތަކާއި، ތޮއްޖެހުން އެންމެ ބޮޑު ސަރަހައްދުތަކުގެ އިތުރުން
ހިނގާބިނގާވެ އުޅޭ މީހުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ މުހިންމު މައުލޫމާތުތައް އެއްކުރެވިފައިވާ
ކަމަށް މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް
ނެޓް-ޒީރޯ އެމިޝަން ނުވަތަ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކަނޑައަޅާފައިވާ
އަމާޒަށް ވާސިލުވުމަށްޓަކައި، އުޅަނދުފަހަރުން ދޫކުރާ ދުމުގެ މައްސަލައަށް ހައްލެއް
ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ގަސްގަހާގެއްސާއި
ހުސްޖާގަތަކަށް ދޭ ސަމާލުކަމާ އެއްވަރަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން
ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސައްކަތު ބައްދަލުވުމުން ނުކުންނަ ނަތީޖާތަކުގެ
މައްޗަށް ބިނާކޮށް، މާލެ ސިޓީ ކައުންސިލުން އަމަލީ ސިޔާސަތުތަކެއް އެކުލަވާލާނެ ކަމުގެ
ޔަގީންކަން މޭޔަރު ދެއްވިއެވެ. މިގޮތުން މާލެއަކީ ރައްކާތެރި، ތޮއްޖެހުން ކުޑަ، ތިމާވެއްޓާ
ރައްޓެހި އަދި ކުރިމަގުގެ ކުރިއެރުމަށް ތައްޔާރުވެފައިވާ ސިޓީއަކަށް ހެދުމަށްޓަކައި
ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.