ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުން ކުރަމުން އަންނަ ބޭކާރު ޚަރަދުތައް ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހުގައި ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، ސަރުކާރުން މުވައްޒަފުން ވަކި ކުރަން ކުރަމުން އަންނަ މަސައްކަތާ އެމްޑީޕީ އިން ދެކޮޅު ހަދާ ކަމަށެވެ. އަދި އެއީ އެމްޑީޕީ އިން ދިވެހި ރައްޔިތުންގެ ޙައްގުގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މިހާރު ވަޒީފާ އިން ވަކި ކުރަމުން އަންނަ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ރައްޔިތުންނާއި ޕީއެންސީގެ މެންބަރުން ވެސް ވަކި ކުރާނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި މި ހުރިހާ ފަރާތްތަކުގެ ޙައްގުގައި އެމްޑީޕީ އިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ، މިއަދާ ހަމައަށް އައިއިރު ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން އެެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި، ބޭކާރު މަޝްރޫއެއް ވެސް ހުއްޓާލާފައި ނުވާ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުން ވަކި ކުރުމާއި، ސަރުކާރުގެ ކުންފުނިތަކުގައި ހިނގަމުން އަންނަ ކޮރަޕްޝަން ހުއްޓުވުމަށް ވެސް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ކޮންމެ މަހަކު ސަރުކާރުން ބާއްވާ އެކި އިވެންޓުތަަކަށް މިލިއަނުން ޚަރަދު ކުރަމުން އަންނަ ކަމަށާއި، އެކަމުން ރައްޔިތުންނަށް ވާ އެއްވެސް ފައިދާއެއް ނެތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން އިސްރާފު ކުރުން ހުއްޓާލުމަށް ފަހު، އަދި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު، އާދައިގެ މުވައްޒަފުންނާ ހަމައަށް ދާންވާނީ އޭގެ ފަހުގައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައި ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދު ކުރުމަށެވެ. 

މިއަހަރުގެ އޭޕްރީލް މަހު ނެރުނު ސާކިއުލާ އަށް ހަވާލާދީ މިދިޔަ އާދިއްތަ ދުވަހު ޕީސީބީ އިން ނެރެނު ސާކިއުލާގައި ވަނީ، އެ ލަނޑު ދަނޑި ހާސިލު ކުރަން މުއްދަތެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުންފުނިތަކުން މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނެ ކަމަށާއި، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލު ކޮންމެ އާދިއްތަ ދުވަހެއްގައި ޕީސީބީ އަށް ފޮނުވަން ވެސް އަންގާފައިވެ އެވެ.

އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ވަނީ އަންގާފަ އެވެ.