ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ އާދީއްތަ ދުވަހުގެ މެންދުރު 13:27 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވާ ކަމަށާއި، އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށެވެ. މި ހާދިސާގައި އެ ބަދިގެ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގައި ދުމުގެ އަސަރު ބޮޑުވެ، މިވަގުތު ދިރިއުޅެން އެކަށީގެން ނުވާ ކަމަށެވެ. އެހެންވެ އެ އެޕާޓްމަންޓް ސާފުކޮށް ނިމެންދެން، އެ ތަނުގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަަޖައްސައި ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލިފާން ރޯވެފައި ވަނީ ހިޔާގެ އަށް ވަނަ ޓަވަރުގެ ނަވާރަ ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގައި އެވެ.