ޚަރަދު ކުޑަކުރުމަށާއި ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގެނެސްފައިވާ ވައިޑް-ބޮޑީ (އޭ330) މަތިންދާބޯޓަށް ކުރާ ބޮޑެތި ޚަރަދުތަކުގެ ސަބަބުން ދައުލަތުގެ އެތައް މިލިއަން ރުފިޔާ ޚަރަދު ވަމުންދާކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ރާއްޖެއެމްވީ އަށް ކަށަވަރުވެފައިވާ ގޮތުގައި، މި ބޯޓު ދުއްވުމަށް ޚާއްސަ ހަތަރު ޕައިލެޓުން ހަމަޖައްސާފައިވާއިރު، ކޮންމެ ޕައިލެޓަކަށް މަހަކު 3 ލައްކަ ރުފިޔާގެ މުސާރައެއް ދެ އެވެ. މިއާއެކު، މި ހަތަރު ޕައިލެޓުންގެ މުސާރައަށް އެކަނި ވެސް އެ ކުންފުނިން ކޮންމެ މަހަކު 1.2 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހެ އެވެ.

މިކަމުގެ ކަންބޮޑުވުން އެންމެ ބޮޑުވަނީ، އެ ބޯޓަކީ 14 އަހަރުވެފައިވާ ބައު ބޯޓަކަށް ވެފައި، ޓެކްނިކަލް ގިނަ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދަތުރުތައް ކުރަނީ ވަރަށް މަދުން ކަމަށް ވުމުންނެވެ. ބޯޓު ބޭނުން ނުކުރެވި ގްރައުންޑް ކުރެވިފައި އޮންނަ ދުވަސްތަކުގައި ވެސް މިފަދަ ބޮޑެތި މުސާރަތައް ދެމުން ދިއުމަކީ ކުންފުންޏަށް މާލީ ގޮތުން ބޮޑު ބުރައެކެވެ.

މި ސަރުކާރުން އަބަދުވެސް ދަނީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށާއި، މުސާރައާއި އިނާޔަތްތައް އެކަށީގެންވާވަރަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނަމުންނެވެ. އޭގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވަނީ، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ނަމަވެސް، އާންމު މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް "ރައިޓް ސައިޒް" ކުރާ ކަމަށް ބުނާއިރު، މިފަދަ ބޮޑެތި ބޭކާރު ޚަރަދުތައް ކުންފުނިތަކުގެ ތެރޭގައި ހިނގަމުންދާތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މުސާރައާއި އިނާޔަތްތަކަށް މިއަހަރު ކުރާ ހޭދަ ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ ބޯޓުގެ މި މައްސަލައަކީ ސަރުކާރުން ޚަރަދު ކުޑަކުރަން އުޅޭ ކަމަށް ބުނާ ވާހަކައާއި އަމަލާ ދިމާނުވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ ކޮމަރޝަލް ޑިޕާޓްމަންޓްގެ ހެޑް، އަމްރާހް ވިދާޅުވީ، އެ އެއަރ ކްރާފްޓް ދުއްވުމަށް 4 ޕައިލެޓުންނަށް ވުރެ ގިނަ ޕައިލެޓުން ތިބޭ ކަމަށާއި އެ މީހުންގެ މުސާރަ ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް ޕައިލެޓުން ތިބި ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.