މުޅި ހަޔާތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުހާ މަސައްކަތް ނުކުރާ ސަރުކާރެއް ދެކިވަޑައިނުގަންނަވާ ކަމަށާއި ރަސްމާލެ ފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގަންވާނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެން ޔަގީން ކުރުމަށްފަހުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ދައުލަތަށް ފައިސާ ލިބޭ ކަމަށެވެ. އެގޮތުން ބަޖެޓް ކިޔައިދޭ އިރު ވެސް 50 ބިލިއަނުން ފައިސާ ލިބޭ ކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ފައިސާ އަށް ވީ ކިހިނެއްތޯ މިއަދު ރައްޔިތުން ސުވާލު ކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މި ސަރުކާރަށް ދިމާވެގެން އުޅޭ މައްސަލަ އަކީ ފައިސާ ޚަރަދު ކުރުމުގައި ތަރުތީބު ގެއްލިގެން އުޅުން ކަމަށެވެ.

ފުރަތަމަ ހަމަޖައްސަނީ ރައީސުލްޖުމްހޫރިއްޔާގެ ކަންތައްތައް. ދެން ވަޒީރުންގެ ކަންތައްތައް ހަމަޖައްސަނީ. ދެން މެންބަރުންގެ ކަންތައްތައް ހަމަޖައްސަނީ. މި މީހުން އެބަ ބުނޭ ޑޮލަރުވެސް އެބަ ލިބެޔޭ. ލިބޭ. އެބުނާހެން އެބަ ލިބޭ. އެހެންވީމާ މި ލިބުނުހާ ފައިސާ އަށް މި މީހުންގެ ޚަރަދުތަކަށް އިސްރާފު ކޮށްލައިގެން އުޅޭތީ މައްސަލަ ޖެހިގެން މިއުޅެނީ. ދެން ފައިސާ ނެތް ވާހަކަ ދައްކާއިރު ފައިސާ ނެތިއްޔާ ފައިސާ ހޯދުމަކީ އެމީހުންގެ ކަމެއް ނޫންތޯ. އެހެންވީމާ ލަދުވެތި ކަމެއް ނޫންތޯ އެމީހުންނަށް އެކަން ނުކުރެވިގެން އުޅޭ ވާހަކަ ދައްކާ ކަމަށްވަންޏާ، އެމީހުންނަށް އެކަން ކުރަން ނޭނގެނީ. އަދި އެމީހުންނަށް ކުރަން އެނގޭހާ ވެސް ކަމަކީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން. މި ނޫން ކަމެއް ނޭނގޭ
މޭޔަރު އާދަމް އާޒިމް

މިދިޔަ 3 އަހަރުގެ ތެރޭގައި މި ގައުމަށް ދުވަހަކު ވެސް ނުވަންނަ ވަރަށް ޑޮލަރު ވަދެއްޖެ ކަމަށާއި ދުވަހަކު ވެސް ނުލިބޭ ވަރަށް ޓެކްސްގެ ގޮތުގައި ފައިސާ ލިބިއްޖެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެހެން ނަމަވެސް، މި ހުރިހާ ފައިސާ އެއް ލިބުނު ނަމަވެސް ދުވަހަކުވެސް މި ވަރަށް މަސައްކަތް ނުކުރާ ދައުލަތެއް ހަޔާތުގައި ދެކިވަޑައިނުގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވީ ތަރައްގީގެ ވާހަކަ ދެއްކޭނީ ފުރަތަމަ ކަމަކަމަށް ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެން ތޯ ޔަގީން ކުރުމަށްފަހުގައި ކަމަށެވެ. އަދި އެއީ ރައީސް ސޯލިހު އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް ކަމަށާއި އެކަން ކުރުމަށް ފަހުގައި ނޫނީ ރަސްމާލެ ފަދަ ބޮޑެތި ބިޔަ ތަންތަން ހިއްކަން އުޅެގެން ވެސް ނުވާނެ ކަމަށެވެ. މީގެއިތުރުން ރަށްރަށުގައި މީހުން ތިބީ އާބާދުވެފައި ކަމަށާއި އެމީހުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށް ނުދީ އަނެއްކާ ބޮޑު ތަނެއް ހިއްކަން 200 މިލިއަން ޑޮލަރު ޚަރަދު ކުރުމުން ދެން ގައުމުގައި ފައިސާ ނުހުންނާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.