ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ޚިދުމަތުން ހޯދައިފި އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނީ، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 5ން 11ށް މާލޭގެ އެކި ސަރަހައްދުތަކުން ފުލުހުންނަށް ހުށަހެޅި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުމްލަ 838،434 ރުފިޔާ ގެއްލިފައިވާ ކަމަށެވެ. 

މީގެ ތެރޭގައި، އެއަރޕޯޓު އަދި ޓޫރިސްޓް ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 26،335 ރުފިޔާ އާއި ހެންވޭރު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތުގައި ހިމެނޭ 200،578 ރުފިޔާ އާއި ގަލޮޅު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 203،968 ރުފިޔާގެ އިތުރުން މާފަންނު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 407،553 ރުފިޔާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މިމައްސަލަތައް ތަހުގީގު ކުރުމަށްފަހު ގެއްލުނު ފައިސާގެ ތެރެއިން ޖުމްލަ 826،730 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ. އެއީ ގެއްލިފައިވާ ފައިސާގެ ތެރެއިން 98 އިންސައްތަ އަށްވުރެ ގިނަ ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ހޯދި ފައިސާގެ ތެރޭގައި ހިމެނެނީ އެއަރޕޯޓު އަދި ޓޫރިސްޓް ފުލުހުން ހޯދާފައިވާ 26،335 ރުފިޔާ އާއި ހެންވޭރު ފުލުހުން ހޯދި 175،250 ރުފިޔާ އާއި ގަލޮޅު ފުލުހުން ހޯދި 225،215 ރުފިޔާ އާއި މާފަންނު ފުލުހުން ހޯދި 396،888 ރުފިޔާގެ އިތުރުން ވިލިމާލެ ފުލުހުން ހޯދި 3،042 ރުފިޔާ އެވެ.

ފުލުހުން ބުނީ، އެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ޚާއްސަ އިސްކަމެއް ދޭ ކަމަށާއި، ވަގަށް ނަގާފައިވާ ތަކެތި ހޯދައި، އޭގެ ހައްގުވެރިންނަށް އެ ތަކެތި ރައްދުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިގޮތަށް ހޯދޭ ކޮންމެ މުދަލަކީ ނުވަތަ ފައިސާއަކީ ފުލުހުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި ކެނޑިނޭޅި ކުރާ މަސައްކަތުގެ އިތުރުން، މުޖުތަމައަށް ޚިދުމަތްކުރުމުގައި އޮތް ސާބިތުކަމުގެ ނަތީޖާ ކަމަށް އެ ޚިދުމަތުން ބުނެފައިވެ އެވެ. 

އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އާންމު ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެ ކަމަށް ބުނެފައިވެ އެވެ.