ވެރިކަން
ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ
އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު
ހަމަނުޖެހުމެއް ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި އެ ޕާޓީން ޒިންމާ ނަގާފައިވާކަމަށް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އެ
ހަމަނުޖެހުމުގައި ސްކޫލުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން
ލިބިފައިވާއިރު، އެކަމުގެ ޒިންމާ ޕީއެންސީން ނަގާފައިވާ
ކަމަށާއި، އަދި ބަދަލު ދޭނެ ކަމަށް އެ ޕާޓީން އަންގާފައިވާކަމަށް މިނިސްޓަރު ވަނީ މީޑިއާތަކަށް
ޔަޤީން ކޮށްދެއްވާފަ އެވެ.

މި އިންތިޚާބުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ
އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގަ އެވެ.

މި
މައްސަލައިގައި މީގެ ކުރިން 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި މި މައްސަލަ
ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި
ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި
އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެންބަރުން އެކަކު
އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން
އެ ސްކޫލްގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ވެސް
ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި
އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން އެބަ ހުއްޓެވެ.