މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި
ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ
ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ބައެއް
ދައުވާތައް ސާބިތުވާކަމަށް ކުރި ޙުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު
ކޮށްފި އެވެ.

މި މައްސަލަ މީގެ ކުރިންވެސް އޭނާގެ ފަރާތުން
އިސްތިއުނާފު ކުރިއެވެ. ނަމަވެސް އޭރު ލިޔެކިޔުންތައް ފުރިހަމަނުވާތީ ކޯޓުން މައްސަލަ
ބަލައިގެންފައެއް ނުވެއެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ވަނީ މައްސަލަ އަލުން
ހުށަހަޅާފަ އެވެ.

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ
އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު، އެރޭ ކުށުގެ
ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ޝާހިލްއެވެ. އޭނާގެ މައްޗަށް ފަސް ދައުވާ
އެއް އުފުލާފައިވެ އެވެ.

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ
ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ
ދައުވާއެވެ. އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ
ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އޮރިޔާން
ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް
ސާބިތުވެ އޭނާ ގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ވަނީ
އިއްވާފައެވެ. އޭނާގެ ފަރާތުން
އިސްތިއުނާފުކުރީ އެ މައްސަލަ އެވެ.

އެހެންނަމަވެސް ގަސްތުގައި ޝިއާއު
މަރާލިކަމުގެ ތުހުމަތުގައި އުފުލާފައިވާ ބޮޑު ދައުވާއާއި ބާކީ އޮތް 2 ދައުވާގައި
އަދި ޙުކުމްކޮށްފައެއް ނުވެއެވެ. އެ ދައުވާތައް ވެސް މިހާރު އޮތީ ނިމުމަކާ ގާތްވެފަ އެވެ.

ޝިއާއުގެ މަރުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް
ވެފައިވާ މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަން ވެސް ގިނަ
ދުވަސްތަކެއް ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ
ޝިއާއު މަރާލި "މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ
ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި
ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި
މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް
ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

ޝިއާއުގެ މަރަކީ މި ފަހުގެ ތާރީހެއްގައި
ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު
އޮތީ ބޮލާއި އަތާއި ފައި ވެސް ބުރިކޮށްލާފަ އެވެ.