ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ
ހައްލުކުރުމަށް އެންޓަޕްރައިސް ރިސޯސަސް ޕްލޭނިންގ (އީއާރުޕީ) އަދި ޑިޖިޓަލް
އީ-ލޮޖިސްޓިކް ސިސްޓަމެއް ގާއިމު ކުރަމުން އަންނަ ކަމަށް ސްޓޭޓް ފާމަސުޓިކަލްސްގެ
މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުން
ޑރ. މާހިރު ވިދާޅުވީ އަންނަ އަހަރަށް ބޭނުންވާ ބޭސް މިއަހަރު ފަހުކޮޅު ސްޓޮކް
ކުރެވެން ޖެހޭނެ ކަމަށާއި މިހާރު މި ގާއިމު ކުރާ ސިސްޓަމްތަކުން ކުރިއަށް ބޭނުންވާ
ބޭސް ދުރާލާ ލަފާކުރެވޭނެ ކަމަށެވެ.
ސްޓޭޓް ފާމަސުޓިކަލްސް އުފައްދައިގެން 10 މަސް
ވެފައިވާއިރު ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވުނީ ޕެރެރަލް ސިސްޓަމެއް
ގާއިމުކުރުމާއި، މީހުން ތަމްރީނު ކުރުމާއި، ބޭހުގެ ދަތިކަމަށް ހައްލު ހޯދޭނެ ގޮތް
ދިރާސާ ކުރުމުގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޖުލައި 1 ގައި ފާމަސީތައް ބެލެހެއްޓުމުގެ
މަސައްކަތް ކޮށްފައިވާނެ ކަމަށް ޑރ. މާހިރު ވިދާޅުވި އެވެ.
މި އިލެކްޓްރޯނިކް ސިސްޓަމް ގާއިމްކުރެވުމުން އާންމު
ބަލިތަކަށް ބޭނުންވާނީ ކިހާ ބޭހެއް ކަމާއި އެ ބޭސްތައް އެއް އަހަރާއި 2 އަހަރުގެ
މުއްދަތަކަށް އޯޑަރ ކުރެވި ސްޓޮކް ކުރެވޭނެ ކަމަށް ޑރ. މާހިރު ވިދާޅުވެފައިވެ
އެވެ.
މީގެއިތުރުން މި ސިސްޓަމް މި އަހަރުގެ ސެޕްޓެމްބަރު
މަހުގެ ތެރޭގައި ގާއިމުކޮށް ނިމޭނެ ކަމަށް ޑރ. މާހިރު ވިދާޅުވި އެވެ.
ކުދި އާބާދީގައި ހާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތައް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެބަ އެނގޭ އެ ބޭސްތައް ބޭނުން ކުރާނެކަންޑރ. ޝާހު މާހިރު
ރައީސް މުއިއްޒު ވެރިކަމަށް
ވަޑައިގެންނެވި ފަހުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ
ކުރަމުންނެވެ. އަދި ބޭސް ގެންނަން އިންޑިއާއަށް ބަރޯސާ ނުވެ، ޔޫރަޕުން ކޮލިޓީ
ރަނގަޅު ބޭސް ގެންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ، ރައީސް މުއިއްޒު
ވަނީ މި މައްސަލަ ހައްލުކުރުމަށް އެސްޓީއޯ އަތުން ފާމަސީތައް ނަންގަވައި، ސްޓޭޓް ފާމަސުޓިކަލްސްގެ
ނަމުގައި ކުންފުންޏެއް އުފައްދަވާ އެކުންފުންޏަށް ހަވާލުކުރައްވާފައެވެ. ނަމަވެސް މި
ކުންފުނި އުފެއްދެވިތާ 10 މަސް ވެގެން ދިޔައިރު ވެސް، ބޭސް ލިބުމުގެ ދަތިތަކަށް
ހައްލެއް ލިބިފައި ނުވާކަން އާންމު ރައްޔިތުން ފާހަގަކުރެ އެވެ.