ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަސައްކަތްތައް
ހުއްޓި، އެ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާތީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ދެވަނަ
ފިޔަވަހީގެ މަޝްރޫއަކީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ މައްސަލައަށް
ދާއިމީ ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އެ މަޝްރޫއު
ނުނިމި އޮއްވައި މި ސަރުކާރުން ވަނީ ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އަޅައިދޭނެކަމަށް
ބުނެ، 3 ވަނަ ފިޔަވަހީގެ މަސައްކަތުގެ ބިންގާވެސް އަޅާފަ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރާއްޖެޓީވީއަށް
މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ
ނިމިދިޔަ ސަރުކާރުގައި ކަމަށްވީ ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން އެ މަޝްރޫއުގެ
އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ
ފަރާތުން ކައުންސިލަށް ލިބޭ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ކައުންސިލުން
ފާހަގަކުރެ އެވެ.

ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދޭ|ރާއްޖެ އެމްވީ
ކުޅުދުއްފުށީ ކައުންސިލަށް ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން
ހުށަހެޅޭ ޝަކުވާތަކަކީވެސް މަގުތަކުގެ ހާލަތާ ގުޅޭ ޝަކުވާތަކެވެ.
ކަންމިހެން ހުރުމާއެކު، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ
ތެރޭގައި މި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވާ
މައްސަލަ ހައްލުކުރުމަށް ބޭނުންވާ މުހިންމު މަސައްކަތްތައް ވެސް ހިމެނޭ ކަމަށް ކައުންސިލުން
ފާހަގަކުރެ އެވެ.
ނަމަވެސް
މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ދުވަހުން ދުވަހަށް
އިތުރުވަމުންނެވެ.
މީގެ އިތުރުން، ކުޅުދުއްފުށީ ސިޓީގެ ހުރިހާ މަގެއްގައި
ތާރު އަޅައިދިނުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި ކައުންސިލުން ވިދާޅުވީ،
އެ މަޝްރޫއުގެ ބިންގާ 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އަޅާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ މަސައްކަތަށް ވެސް ވީނުވީއެއް ނޭނގި މަޝްރޫއު އޮތީ ހުއްޓިފަ އެވެ.
ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ،
މަޝްރޫއުގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް، އެ މަސައްކަތަށް ކަމަށް ބުނެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުން ރަށުގައި މޮބިލައިޒްކޮށްފައި
ތިބި ކަމެވެ. އަދި އެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުންދާއިރު، އަމަލީ އެއްވެސް
މަސައްކަތެއް ކުރިއަށް ނުދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލުން
ބުނެ އެވެ.
ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ
ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާއިރު،
ހުއްޓިފައިވާ މަޝްރޫއުތައް އަވަހަށް ފެށުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް
ނުވެ އެވެ.