މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު އިލްތިމާސް ކުރައްވައިފި އެވެ. 

ހޮނިހިރު ދުވަހު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފުތިތާހު ކުރައްވައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އަށް ލުއިފަސޭހަކަން ގެނެސްދިނުމަށް މިހާރު ވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ސީޕީ ވިދާޅުވި އެވެ. 

ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ. 

ސީޕީގެ މި އިލްތިމާސާ އެއްގޮތަށް، ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށް، ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ހޮނިހިރު ދުވަހު އިފްތިތާހު ކުރި ޕްލޭނަކީ މާލެ އާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.