ޑޮލަރުގެ އަގު ތިރި ވަންދެން، އުމްރާނީ ހުރިހާ މަސައްކަތެެއް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޑޮަލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ފިޔަވައި އިތުރު އެއްވެސް ޚަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި އުމްރާނީ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓުތައް ރަށު ކައުންސިލާ ހަވާލު ކުރުން ރަނގަޅު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމިދާނެ ކަމަށެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިރު، ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލު ކުރެއްވުމަށް ހުށަހަޅާފަ އެވެ. 

އޭގެ އިތުރުން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެފައިވާއިރު، އެމްއެމްއޭ އިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާކަން ހާމަވެފައިވާއިރު، އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ރާއްޖެއަށް ޑޮލަރު އިންފްލޯ އިތުރުވެފައިވާއިރު، އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާ ކަމަށާއި، މިކަމުގެ ސަބަބުން ބޭންކުތަކުން ވިޔަފާރިތަކަށާއި އާންމު ފަރާތްތަކަށް ޑޮލަރު ނުލިބި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ކަޅު ބާޒާރުގައި ބީއެމްއެލުން ޑޮލަރު ގަންނަން މަޖުބޫރު ވެގެންދިޔައީ ޑޮލަރު ނެތުމުން ކަމަށާއި، މިއީ ސާފު ހެއްކެތް ކަމަށެވެ.