ރާއްޖެޓީވީން ގެނެސްދޭ "ހާލުކިހިނެއް"
ޕްރޮގްރާމްގައި މ.މުލަކުން ވާހަކަ ދެއްކި އެތައް ބަޔަކު ވަނީ މަސްވެރިންނަށް ހުރި
ގޮންޖެހުންތަކާއި، މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުދޭތީ
ދިމާވާ އެކިއެކި ތަކުލީފުތައް ހިއްސާކޮށްފައެވެ.

މަސްވެރިކަން ކުރާތާ 45 އަހަރު ވެފައިވާ
ސަރުކާރަށް ތާއީދު ކުރާ މަސްވެރިއަކު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ
ސަރުކާރު އައިފަހުން، މަސްވެރިކަމުގެ ސިނާއަތަށް އިހުމާލު ވަމުން ގެންދާ ކަމަށް
ބުނެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

އެގޮތުން މީމު އަތޮޅުގެ މަސްވެރިންނަށް ތެޔޮ އަދި
އައިސް ނުލިބޭ ކަމަށާއި، މަސްވެރިކަން ކުރުމަށް އަޅާފައިވާ 3 ބޮއެ ވެސް
ކަނޑައިގެން ގޮސްފައިވާ ކަމަށް މަސްވެރިއަކު ބުނެފައިވެ އެވެ. އަދި މެދު
ރާއްޖެތެރޭގައި އެންމެ ގިނަ މަސްވެރިން އުޅެނީ މީމު އަތޮޅުގައި ކަމަށާއި، މުލަކު
މަސްވެރިން ތެޔޮ އަޅަން ދާން ޖެހެނީ ފާފު އަތޮޅު ނިލަންދޫއަށް ކަމަށް ބުނެފައިވެ
އެވެ.

އެހާ ދުރަށް ދުއްވާފައި ދާން ޖެހުމުން ތެޔޮ ހަރަދު
ބޮޑުވާ ކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ މަސްވެރިޔަކު ވަނީ ވަރަށް ބޮޑަށް
ސަރުކާރަށް ފާޑު ކިޔާފަ އެވެ.

ހަގީގަތުގައި ވަރަށް ހާލުގައި މަސްވެރިން މިތިބީ، އަހަރެން ވަރަށް ތާއީދު ކުރާ ޕާޓީއެއް ޕީއެންސީ މީ މިސަރުކާރަށް ވެސް ވަރަށް ތާއީދު ކުރާ މީހެއް މީ، މަސްވެރިންނަށް މިކުރާ އަނިޔާ އެބަޖެހޭ ހަމަ ވަގުތުން ހުއްޓާލަން ވަރަށް ހާލުގައި މިއުޅެނީ
މަސްވެރިކަން ކުރާތާ 45 އަހަރު ވެފައިވާ ސަރުކާރަށް ތާއީދު ކުރާ މަސްވެރިއެއް

އިތުރު މަސްވެރިއަކު ބުނި ގޮތުގައި އެމީހާއަކީ ޕީއެންސީ
މީހެއްނަމަވެސް، އޭނާވެސް ޤަބޫލު ކުރާ ގޮތުގައި މިހާ ދެރަވަރުކޮށް މަސްވެރިކަމުގެ
ސިނާއަތް ދިޔަ ދުވަސްވަރެއް ނާދެ އެވެ.

އެ މަސްވެރިޔާ ބުނި ގޮތުގައި މ. މުލަކުގައި އައިސް
ޕްލާންޓް އަޅަން އެއްބަސްވުމުގައި ސޮއިކުރީ ފޮތް ފަންސޫރު ވިއްކާ ކުންފުންޏަކާ އެކުގަ
އެވެ. އަދި އެ މަސައްކަތް އެ ކުންފުންޏަށް ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ
އެވެ.

މީގެ އިތުރުން މަސްވެރިއަކު ބުނީ ރައީސް މުއިއްޒު
އިގްތިޞާދު ކުރިއަރުވަނީ ތަކެތީގެ އަގުބޮޑުކޮށް ރައްޔިތުން ބަންޑަށް ޖައްސައިގެން
ކަމަށެވެ. އަދި މިހާ ދޮގު ހަދާ މިނިސްޓަރެއް ވެސް އަދި ރައީސް އެއް ވެސް ނާންނަ
ކަމަށް ބުނެ މިނިސްޓަރު ޝިޔާމްގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ.

މ. މުލައްގެ މަސްވެރިންގެ ވާހަކަތަކުން އެނގިގެން
ދަނީ، ރާއްޖޭގެ މަސްވެރިންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ މަސްވެރިން ވެސް ތިބީ
ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެ އުއްމީދު ގެއްލިފައިކަމެވެ. އަދި
މަސްވެރިންނަށް ސަރުކާރުން ވަމުން ގެންދާ އިހުމާލު ވެސް މި މަސްވެރިންގެ
ވާހަކަތަކުން ހާމަވެގެންދެ އެވެ.