ކުޅުދުއްފުށީ ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އެޅުމަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވައުދު ފުއްދެވުމުގައި ލަސްވުމުން
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މަޝްރޫއު
ފުރިހަމަކުރާނެ ކަމަށް ބުނެ ސަރުކާރުން އެތައް ތާރީޚެއް ދީފައިވީ ނަމަވެސް މިހާތަނަށް
މަސައްކަތް ފެށިފައި ނުވާކަމަށް ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި އެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުއްޓަކީ
އަބަދުވެސް ޤައުމީ ފެންވަރުގެ އެތުލީޓުން އުފެދެމުން އަންނަ ރަށެކެވެ. އެގޮތުން ފަހުގެ
ތާރީޚުގައި އެކަން ސާފުކޮށް ފެންނަން އޮތްކަން ފާހަގަކޮށް ކައުންސިލުން ބުނީ،
ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އެރަށުގައި ސިންތެޓިކް ޓްރެކެއް އެޅުމަކީ
ރައްޔިތުން ނުހަނު އެދޭ ކަމެއްކަމަށެވެ.

ނިމިދިޔަ ސަރުކާރުގައިވެސް ކައުންސިލުން ވަނީ އެ
ކަންބޮޑުވުން ހިއްސާކޮށްފައެވެ. އޭރު ސަރުކާރުން ނިންމީ އިންޑިއާގެ އެލްއޯސީގެ ދަށުން
އެ މަސައްކަތް ކުރުމަށެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ނިންމީ އެގޮތަށް
އެކަން ކުރަން ކަމަށް ކައުންސިލުން ބުނެ އެވެ.

އެންމެ ފަހުން ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް
"ކަޑަ ޖެހުމަށް" ސަރވޭ ޓީމެއް ފޮނުވި ކަމަށާއި، ދެ ދުވަސްތެރޭ މަސައްކަތް
ފަށާގޮތަށް ނިންމައި އެކަމަށް ތައްޔާރުކަމަށް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އިންތިޚާބަށްފަހު އެއްވެސް ކަމެއް
ކުރިއަކަށް ނުދާ ކަމަށާއި، އެ ކުރި ސަރވޭއެއްގެ ދަށުން ފެށި އެއްވެސް މަސައްކަތެއް
ނެތް ކަމަށް ކައުންސިލުން ބުނެ އެވެ. އަދި މިހާރު އެ މަސައްކަތުގެ އެއްވެސް ވާނުވާއެއް
ރައްޔިތަކަށް އެނގޭކަށް ނެތް ކަމަށާއި، ކައުންސިލުންވެސް މަސައްކަތް ކޮށްގެންވެސް އެކަންކަން
ސާފުވާ ގޮތެއް ނުވި ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

ރަށުގެ އެހެނިހެން ކުޅިވަރާ ބެހޭ މަޝްރޫއުތައް ވެސް
ހުރީ ހަމަ އެ ޙާލަތުގައި ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ. މި މަޝްރޫއުތައް ފުރިހަމަކުރުމަށް
ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެ ވައުދުތައް ފުއްދުމުގައި ލަސްވަމުންދާތީ ރަށުގެ
ރައްޔިތުންނާއި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ