ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް
ބަދަލުކުރުމާއި، ހޮސްޕިޓަލުގެ އައު އިމާރާތެއް އެޅުމަށް ރައީސް ޑރ މުހައްމަދު
މުއިއްޒުގެ ސަރުކާރުން ވައުދުވެފައިވީނަމަވެސް، އެ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާކަމަށް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައި
ވާގޮތުން، ދިހަ ބުރީގެ އިމާރާތެއް އެޅުމަށް ބިންވެސް ވަނީ ހަމަޖައްސާދީފައެވެ. ނަމަވެސް
އިމަރޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ކުރިއަށް ނުދާކަމަށް ކައުންސިލުން
ފާހަގަކުރެ އެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، ކުރިން ހޮސްޕިޓަލު
ހިންގަމުން ދިޔައީ ބޯޑެއްގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރު އައިސް މިނިސްޓްރީގެ
ދަށަށް ބަދަލުކޮށްގެން ހިންގަމުންދާއިރު، ކޮންމެ ކަމެއްވެސް ބަދަލުވެފައިވަނީ ބޮޑު
ތަކުލީފަކަށްކަމަށް ކައުންސިލުން ބުނެ އެވެ.
ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އަންނަ ބަދަލުތަކާއި
ގުޅިގެން، އެންމެ ކުޑަމިނުން އާދައިގެ ބޭހާއި އިންޖެކްޝަންވެސް ހޯދަން މިއަދު ވަނީ
އެތައް ގުނައަކަށް އުނދަގޫވެފައިކަމަށް ކައުންސިލުން ހާމަކުރެ އެވެ. ކަންކަން އެހެން
ހުރުމުން، ރައީސް މުއިއްޒު ވިދާޅުވާ ތަރައްޤީ ކޮބައިތޯ ސުވާލު އުފެދޭކަމަށް ކައުންސިލުން
ފާހަގަކުރެ އެވެ.
ހޮސްޕިޓަލުގެ ޚިދުމަތްތަކާއެކު، ޑޮކްޓަރަށް ދައްކަން
އަންނަ އާރްޓީއެލް ފެރީގެ ޚިދުމަތްވެސް މިއަދު ވަނީ ވަރަށް ބޮޑަށް ދޯހަޅިވެފައިކަމަށް
ކައުންސިލުން ބުނެ އެވެ. ކިރިޔާ ވައިކޮޅެއް ޖެހިލިޔަސް ފެރީވެސް ކެންސަލްވާކަމަށާއި،
މިއީ ހައްތަހާވެސް ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންކަމަށް ކައުންސިލުން މައުލޫމާތު
ދެއެވެ.
ކުޅުދުއްފުށީ ސިއްޙީ ނިޒާމާ ގުޅޭގޮތުން ކައުންސިލުން ރާއްޖެޓީވީއަށް ދިން އިންޓަވިއުގެ ތެރެއިން
ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ރައްޔިތުންނަށް
ޞިއްޙީ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ
ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވައުދުވެފައިވީނަމަވެސް، އެ ވައުދުތައް ފުއްދުމުގައި
ލަސްވުމާއި، ހަރަކާތްތައް ކުރިއަށް ނުދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާ
ކަމެކެވެ.
ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށާއި،
ވައުދުވެފައިވާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައްޔިތުން ސަރުކާރަށް
ގޮވާލަމުންދާއިރު، މިކަންކަމަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުންވެސް
ވަނީ ސަރުކާރަށް ގޮވާލާފައެވެ.