ކުރިއަށް އޮތް 3 މަސް ތެރޭގައި ކުންފުނިތަކުގެ
މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް
ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ޕީސީބީއިން 33 އިންސައްތަ މުވައްޒަފުން
ކުންފުނިތަކުން މަދުކުރުމަށް އަންގާފައިވާއިރު މިދިޔަ ލޯކަލް ކައުންސިލް
އިންތިހާބަށް ފަހު، ސަރުކާރު ކުންފުނިތަށް ހިންގުމުގެ ނިޒާމާއި މެނޭޖްމަންޓް
ހަރުދަނާކުރުމަށް ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް އޭރުގެ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕީސީބީއަށް އަންގާފައިވެ އެވެ.

އޭޕްރީލް މަހު އެންގި ސާކިއުލާއަށް ހަވާލާދީ މިދިޔަ
އާދިއްތަ ދުވަހު ޕީސީބީން ނެރެނު ސާކިއުލާގައި ވަނީ އެ ލަނޑުދަނޑި ހާސިލުކުރަން
މުއްދަތެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުންފުނިތަކުން މުވައްޒަފުން މަދުކުރާ
ގޮތް ގާތުން ބަލާނެ ކަމަށާއި ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލު ކޮންމެ
އާދިއްތަ ދުވަހެއްގައި ޕީސީބީއަށް ފޮނުވަން އަންގާފައިވެ އެވެ.

އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން
މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ވަނީ
އަންގާފަ އެވެ. 

މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެޗްޑީސީ އަދި
ފެނަކައިންވެސް ވަނީ މުވައްޒަފުންނަށް 3 މަހުގެ މުސާރައަކާއެކު އަމިއްލައަށް ކުންފުނިން
ވަކިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރުމުގެ
މަސައްކަތް ކުރަމުން ދާއިރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން
ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ އަޑު ވަނީ ގަދަ ވެފަ އެވެ. އެގޮތުން ނިމިދިޔަ
ލޯކަމް ކައުންސިލް އިންތިހާބު އަދި އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ތެރޭގައި
ކެމްޕެއިން އިވެންޓްތަކުން ފެނިފައިވާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކި
ކުރުމާއި، މަސައްކަތް ކުރަމުން ދިޔަ ސައިޓް ބަދަލުކޮށް އެހެން ރަށްރަށަށް
އަރުވާލާފައިވާ މައްސަލަތައް ފެންމަތިވެފައިވެއެވެ.