މިއަހަރުތެރޭ މާލޭގައި މަދުވެގެން އެއްގަމު އުޅަނދު ޕާކު ކުރުމަށް ދެ ބިލްޑިންގ ގެ މަސައްކަތް ފަށާނެ ކަމަށް ރައީސް
ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕާކިންގ މައްސަލަ ހައްލު ކުރުމުގެ ވާހަކަ ރައީސް މުއިއްޒު އަނެއްކާވެސް ދެއްކެވި އިރު، އަދި މި މައްސަލައިގެ ވާހަކަ އެތައް ތަނެއްގައި އެތައް ގޮތަކަށް މީގެ ކުރިން ދައްކަވާފައިވާއިރު، މިކަމުގައި މިހާތަނަށް އެދެވޭ ނަތީޖާ އެއް ދެއްކުމުގައި ސަރުކާރުން ނުކުޅެދިފައިވާކަން ފާހަގަ ކުރެވެ އެވެ.

މާލޭގައި ޕާކިން ދެ
ބިލްޑިން އަޅާނެ ކަމަށާއި ހުޅުމާލޭގައި ޕާކިން ދެތިން ހަތަރު ބިލްޑިންގ ގެ
މަސައްކަތް ފަށައިފި ކަމަށް ވިދާޅުވެ ރައީސް އޮފީހުން ކުރިއަށް ގެންދާ ޕޮޑްކާސްޓް
– "ދަ ޕަލްސް އެޕިސޯޑް 4" ގައި ހުކުރު ދުވަހު ރައީސް މުއިއްޒު ވާހަކަ ދެއްކެވި އިރު ސަރުކާރުގެ
ދައުރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި ފާއިތުވެފައިވެގެންވަނީ ގޮސްފަ
އެވެ. މިކަން މިހެން އޮތް އިރު މިހާތަނަށް އަމަލީ މަސައްކަތް ފެށިކަން ސަރުކާރަށް ހާމަ
ކުރެވުނީ ހުޅުމާލޭގައި ހަދާ އެންމެ ޕާކިންގ ބިލްޑިންގ އެއްގެ މަސައްކަތެވެ.

މާލޭގައި މިއަހަރުގެ ތެރޭގައި
ޕާކު ކުރަން ދެ ބިލްޑިންގ އެއްގެ މަސައްކަތް ފަށާނެ ކަން އިއުލާނު ކުރައްވަމުން މުއިއްޒު
ވިދާޅުވީ، "މިކަމަށް ވެސް ދުވަސްތަކެއް ނަގައިފި،" ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ
ބެލީ ބޭރުގެ އެހީގައި މި މަސައްކަތް ކުރެވޭތޯ ކަމަށާއި މިހާރު އެކަން އެގޮތައް
ކުރަން މަޑުކުރަން ގަސްދު ނުކުރައްވާ ކަމަށެވެ.

ހުސްވި އަހަރުގެ
ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާ
ވާހަކަފުޅު ދައްކަވަމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުން މުއިއްޒު ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ
ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ
މަސައްކަތައް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށް ވިދާޅުވެފަ އެވެ.

 ހުޅުމާލޭގައި
ތަރައްޤީކުރައްވާ ފުރަތަމަ ޕާކިންގް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަހަރުގެ މާޗް މަހުގެ
29 ވަނަ ދުވަހު އެވެ.

ސަރުކާރުން
ބުނެފައިވަނީ، މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން
(އެޗް.ޑީ.ސީ) ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން ކުރިއަށް
ގެންދާ މަޝްރޫއެއް ކަމަށެވެ.

 ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެން.އެކްސް.ޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، 24 މަސްދުވަހުގެ ތެރޭގައި ތަރައްގީ
ކުރާ ގޮތައް 13 ފަންގިފިލާގެ މި ޕާކިންގ
ބިލްޑިންގަކީ، 4 ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ
ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިންގ
ބިލްޑިންގ އެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

 ހުޅުމާލެއަށް
ދިމާވެފައިވާ ޕާކިންގގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިންގ ބިލްޑިންގް
އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް ސަރުކާރުން
ބުނެފައިވެ އެވެ. ބާކީ އޮތް 6 ބިލްޑިންގގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާ ކަމަށް ވެސް
ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ކުންފުނިތަކުގެ މައުލޫމާތު އޭރު ހާމަކޮށްފައެއް
ނުވެ އެވެ. އަދި އެ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސާ ގޮތެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

 މާލޭ ސަރަހައްދުގެ
މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި،
ޕާކިންގ ބިލްޑިންގ އެޅުމަކީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.