ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒް ކުރެވި، ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމަރު ބަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.  

ކަސްޓަމްސްއަށް 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ދައުލަތަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ކަސްޓަމްސްގެ މުވައްޒަފުން އަދާކުރަމުންދަނީ ވަރަށް އިހްލާސްތެރިކަމާއެކު ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި، މަސްތުވާތަކެއްޗާއި މަނާކޮށްފައިވާ ތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމުގައި ކަސްޓަމްސްއިން ފާއިތުވި ދުވަސްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

ވަކިން ޚާއްސަކޮށް މި ސަރުކާރު އައިފަހުން، ބޯޑަރުން މަސްތުވާތަކެތި އަތުލައިގަތުމާއި، އާންމު ސިއްހަތަށް ގެއްލުންދޭ ވޭޕް ފަދަ މަނާކޮށްފައިވާ ތަކެތި އެތެރެވުން ހުއްޓުވުމުގައި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ކަސްޓަމްސްގެ ޚިދުމަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، އެ މުއައްސަސާގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި އެންފޯސްމަންޓް ވަރުގަދަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ބޯޑަރުން ޑްރަގްސް އަތުލުމާއި، އަދި ގާނޫނު ގޮތުން މަނާކޮށްފައިވާ ދިވެހި ރައްޔިތުންނަށް ވަރަށް ގެއްލުން ދެނިވި ވޭޕް ފަދަ އެއްޗެހި މަނާ ކޮށްފައިވާ ހިނދުގައި، އެ އެއްޗެހިތައް ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ފުރިހަމަ ކާމިޔާބީތަކެއް މިދިޔަ ދެ އަހަރާ ބައިގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ގައިޑެންސާ އެކުގައި ކަސްޓަމްސްގެ މުވައްޒަފުން ވަނީ ފުރިހަމަ އެ މަސައްކަތް ތަންފީޒު ކޮށްފައި. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ރައްޔިތުންގެ ހައްގުގައި މިފަދަ އަގުހުރި ގައުމީ މަސައްކަތް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާމެދު އަޅުގަނޑުގެ ޝައްކެތް ނެތް. އަދި ދިވެހި ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ޔަޤީންކަން ދައުލަތުގައި ކަސްޓަމްސްގެ ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު އަރުވަން
އަލީ އިހުސާން

މިނިސްޓަރު އިހުސާން މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް، އެ މުއައްސަސާގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، މި ސަރުކާރު އައިފަހުން ކަސްޓަމްސްގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތައް ކޮންޓެއިނަރެއް ބޭރުވެފައިވާ ކަމަށް މަޖިލިސް މެންބަރުން ތުހުމަތު ކުރައްވާފައިވެ އެވެ.