ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގދ.ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިހާތަނަށް އެމަޝްރޫއުގެ ޚިދުމަތް މިސަރުކާރުގައި ފޯރުކޮށްދެވިފައިނުވާ ކަމަށާއި، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އަމީތު ވިދާޅުވީ މިސަރުކާރާއެކު ވާދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަމީތު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި ރިޔާސީ އިންތިޚާބުގައި ވެރިކަން ބަދަލުވެގެން ދިޔައިރު ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް އަދި ޚިދުމަތް ދޭން ފެށިފައި ނުވާ ކަމަށާއި، ވާދޫގެ ރައްޔިތުން ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތުން މަހުރޫމުވެފައި ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ. 

މިތިން އަހަރު ފާއިތުވެގެންދާއިރުގައި އަދި މިއަދާ ހަމައަށް އައިއިރުގައި ވާދޫގެ ރައްޔިތުން މި ހިމެނެނީ ފެނާއި ނަރުދަމާގެ މި ޚިދުމަތުން މަހުރޫމުވެފައި ތިބި ރައްޔިތުންގެ ގޮތުގައި. ޚިދުމަތް ނުފެށިގެން އިނގޭތޯ. ތިން އަހަރު ފާއިތުވެގެންދިޔައީ. ބޭނުންވާ ޕަމްޕެއް ނުލިބިގެން ކަމަށް ބުނެ، ތިން އަހަރު ފާއިތުވެގެން މިދިޔައީ. އެމްޑީޕީގެ ސަރުކާރުން އެއްކޮށް ނިންމާފައި އޮތް މަޝްރޫއެއްގައި، މި ދެ މަޝްރޫއުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްނުދެވި އޮތީ. 
މުހައްމަދު އަމީތު

މީގެ އިތުރުން އަމީތު ވަނީ ވާދޫގައި ކުރިއަށްދާ އެހެނިހެން މަޝްރޫއުތަކުގެ ހާލަތުވެސް ފާހަގަކުރައްވާފަ އެވެ.

އަމީތު ވިދާޅުވީ ވާދޫގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ތިން އަހަރު ފާއިތުވެގެން ދިޔައިރު ޖެހުނީ ހަމައެކަނި ތަނބެއް ކަމަށެވެ. އަދި ވާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައި މަސައްކަތާއި، ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާދޫގައި އިންޖީނުގެ އިމާރާތް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެ އިމާރާތުގެ 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު އެ އިމާރާތް ވެސް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަމީތު ވިދާޅުވީ މިސަރުކާރާއެކު މަޝްރޫއުތައް ކުރިއަށްދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި، ރައީސް މުއިއްޒަކީ ވައުދު ފުއްދަވާ ވެރިއެއް ނޫން ކަމަށެވެ.