ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ ގައުމުގެ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވާއިރު، ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވަންދެން ރައްޔިތުން މަޑުން ތިބެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެ މަޝްރޫއުތައް ހުއްޓިފައިވަނީ އެ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުދޭތީ ކަމަށެވެ. ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް އެއްވެސް އައު މަސައްކަތެއް ނުކުރާ ކަމަށާއި، ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ ޓެކްސްތައް ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިގޮތަށް ޓެކްސް ބޮޑުކުރުމަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ފުނޑާލުން ކަމަށް މެންބަރު މައުރޫފް ސިފަކުރެއްވި އެވެ.

ދުނިޔޭގައި ވަމުންދާ ގޮތް ބައްލަވާ ނުލައި ކަންކަން ނިންމަމުންދިޔައީ. ޓެކްސް، މިސާލަކަށް އެއާޕޯޓް ޑިއުޓީ ޓެކްސް ބޮޑުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ އެރައިވަލްސްއަށް އޭގެން އަސަރު ކުރާ ވަރަށް ބޮޑުކޮށްލައިފި. އެހެންވީމާ، ވެރިޔަކަށް އަޅުގަނޑުމެންނަށް ގެނެވުނު މީހާގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަ އަޅުގަނޑު ވަރަށް ބޮޑަށް އެއަށް އެގްރީ. އަޅުގަނޑުމެން މިއަދު ހޯދަންވީ ކޮންމެހެން ވެރިކަން މީހަކަށް ހަވާލުކުރަނީ ފަސް އަހަރު، މަޖުބޫރުކޮށް ފަސް އަހަރު، ވެރިކަމުގައި ހުންނަންޖެހޭ ހާލަތެއް ގާނޫނުއަސާސީގައި އޮތް ކަމަކަށް އަޅުގަނޑަކަށް އާމިރު ގަބޫލެއް ނުކުރެވޭ
މައުރޫފް ޒާކިރު

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެ، ރައްޔިތުންނަށް ކޮންމެ ދުވަހަކު ބޮޑެތި ގެއްލުންތަކެއް ވަމުންދާނަމަ، އެކަމަށް ބަދަލެއް ހޯދަންޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުގައި ހިނގާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށްވެސް މެންބަރު އޭނާ ވިދާޅުވި އެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މި ބޮޑު ގެއްލުމުން ސަލާމަތްވުމަށްޓަކައި ދިވެހި ރައްޔިތުން އެހެން ގޮތެއް ހޯދަންޖެހޭ ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް މި ހާލަތުގައި ތިބުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.