2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

21 ފެބުރުވަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިން ވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލަސީމިއާ ބަލި މީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ.

އެގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ގާބިލުކަން ނެތް ތެލެސީމިއާ 6 ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް މި ޖުލައި މަހު ހަމަޖެހިފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެ އެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު 4 ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެ އެވެ.

ޒަކާތު ހައުސް އިން އިތުރަށް ބުނީ ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ޖަމާކޮށްފައިވާނެ ކަމަށެވެ. 

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއްކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ. މި ޚާއްޞަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެ އެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެ އެވެ.

ޒަކާތު ހައުސް އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުމުލަ 10 ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފަ އެވެ. ފުރަތަމަ ބުރުގައި 6 ކުއްޖަކު ފުރާއިރު، ބާކީ ތިބި 4 ކުދިން އާސަންދައިގެ ދަށުން އެއްބަސްވުމަކަށް އައިސްފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުން ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.

ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރެވޭ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، އެމީހަކާއި ގުޅޭ ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓް ކުރުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބިގެންދެ އެވެ. ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދުމުން ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެ އެވެ. މިއީ ވަރަށް ބޮޑަށް ޚާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، ޝަރުތުހަމަވާ ބަލިމީހުންނަށް މި ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ހޯދައިދިނުމުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.