މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އެޕިސޯޑްގެ މަޢުޟޫއަކަށް ކަނޑައަޅުއްވާފައި އޮތީ މާލޭގެ މަގުތައް ތަރައްޤީކުރުމެވެ. 

މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ.

މި މަޝްރޫޢުގައި ނުހިމެނޭ، މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ޕޮޑްކާސްޓުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަމަށް ވިދާޅުވި އެވެ. މި މަސައްކަތާ ގުޅުންހުރި އިތުރު ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވަނީ، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ސަރަޙައްދެއް ކަނޑައަޅުއްވާފައިވާނޭކަމަށް ވިދާޅުވެފައެވެ. މިގޮތަށް މި މަގު ހަދައި ނިމުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި، އެތެރޭގެ މަގުތަކަށްވެސް ލުއިވެގެންދާނޭކަން، މިހާރު ނިންމައި ބޭނުންކުރާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުކޮށްދޭކަންވެސް ފާހަގަކުރެއްވިއެވެ.

މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ، އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަމަށް ވިދާޅުވި އެވެ.

މާލޭ ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމުގައި ވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މިފަދަ މަޝްރޫޢުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ޙަޤީޤީ މައްސަލައަށް ޙައްލު ހޯދިގެންކަމުގައި މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މި ދުރު ރާސްތާ ޙައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެގެންދާނޭކަމުގައި މުއިއްޒު ވިދާޅުވި އެވެ.

އަދި މަގުހެދުމުގެ މަޝްރޫޢާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ސަތަޙައްދަށް އަމާޒުކޮށްގެން މިހާރުވެސް ކުރިއަށްގެންދަވަނީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ދިރިއުޅޭ މި ސަރަޙައްދަށް، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.