ނ. ވެލިދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގާ އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އިރުއޮއްސުމާ ގާތްވެފައިވަނިކޮށް އެރަށުގެ ކުނި ގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފް އިން ބުނީ ނ.ވެލިދޫ ކުނިކޮށީގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް ބުރާސްފަތި ދުވަހު 17:50 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ނ. ވެލިދޫއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 06:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެ އެވެ.