މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ، މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު މި ފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި، ސްކޫލް ގަޑިތަކުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް އެވެ.

މޭޔަރު ވިދާޅުވީ، މާލޭގެ ޓްރެފިކް އަދި ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން، ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ސަރުކާރުން މި ކަމަށް ވަކި އޮފީހެއް ހަދާފައިވާކަން ފާހަގަކުރައްވައި، މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުން ކުރަންޖެހޭ ކަމަކީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ. އެއީ އަޅުގަނޑުމެންނަކީ މި ކަމުގެ ޒިންމާވާ ފަރާތްކަމަށްވާތީ. އެ ބޭފުޅުންނަކީ ޒިންމާވާ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް އުނދަގޫވާ ކަންކަން ނުކުރައްވާ
މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން ރައްޔިތުންނަށްޓަކައި މި ކަމުގައި އެކުގައި މަސައްކަތްކުރަން ކައުންސިލް އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. 

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ، މި އަހަރުގެ އޭޕްރީލް މަހު މޭޔަރު އާޒިމްއާ ބައްދަލުކުރައްވާފަ އެވެ. މި މަޝްރޫއަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ، އުޅަނދުތަކުގެ އަދަދާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މި ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ.

މި މަސައްކަތުގެ ޑޭޓާ އެއްކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 1000 އަށްވުރެ ގިނަ ގޭބިސީއަކަށް ޒިޔާރަތްކޮށްފަ އެވެ. މީގެ އިތުރުން، އޮންލައިންކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ކައުންސިލުން އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް އާންމުންނަށް މި ދިރާސާގައި ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.