20 ވަނަ ރައްޔިތުންގެ މަޖިލީހުގެ
މަސައްކަތަށް ނަތީޖާއެއް ނެރޭ ނަމަ ލިބޭނީ، ސީ ++ ކަމަށް ރައްޔިތުންގެ މަޖިލީހުގެ
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު
އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރޭ އޮތް އެމްޑީޕީގެ ހަރުގެ
ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ 19 ވަނަ މަޖިލީހުން ކުރި
މަސައްކަތަށް ފުރަތަމަ 3 އަހަރު އޭ ރިޕޯޓު ނުވަތަ އޭ+ ނޫން ނަތިޖާއެއް ނުލިބޭ
ކަމަށެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުން ނަތީޖާއެއް ނެރޭ ނަމަ ނިންމާލަން
ޖެހޭނީ ސީ ++ އިން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް 94 އަހަރު ވެގެން ދިޔަ
އިރު، މިހާރުގެ ހާލަތަކީ މަޖިލިސް ޖަލްސާތައް ބޭއްވެނީ އެމްޑީޕީ 13 މެންބަރުންގެ
މަސައްކަތުން ކަމަށާއި، އެ ނޫން ނަމަ މި ދައުރުގައި ރައްޔިތުންގެ މަޖިލިސް
ޖަލްސާއެއް ބާއްވާނެ އެޖެންޑާއެއް ވެސް ޕީއެންސީއަށް ނުލިބޭނެ ކަމަށް ނާޒިލް
ވިދާޅުވި އެވެ.

މިހާރު މިދިޔަ ތިން ހަފްތާ ވަންދެން ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރެވުނީ އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރި ސުވާލުތައް، އިތުރު އެހެން ކަމެއް ނެތް
އިބްރާހީމް ނާޒިލް

މީގެ އިތުރުން ގައުމުގެ ހާލަތު މިހިސާބުގައި އޮއްވާ
ރަސްމާލެ ހިއްކުމުގެ ނަމުގައި ބޭކަރު ހަރަދު އެމްޑީޕީ އިން ނުކުރާނެ ކަމަށް ނާޒިލް
ވިދާޅުވި އެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް ވެލި އެޅުމަށް 250 މިލިއަން ޑޮލަރު
ބޭނުން ވާނެ ކަމަށާއި، ވަށާ ބޮޑު ހިލަ ޖަހަން 100 މިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް
ވިދާޅުވި އެވެ.

އަދި ޑޮރޯން ގަތުމާއި އެއާޕޯޓު އައު ޓާމިނަލް ހުޅުވަން ޑޮރޯން ޝޯ
ބާއްވަން ބޭކާރު ފައިސާ ހަރަދު ނުކުރާނެ ކަމަށް ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، ލޯނުތައް
ދައްކާނީ މިގޮތަށް ބޭކާރު ހަރަދު ނުކޮށް ކަމަށެވެ.

އެމްޑީޕީ ނޫން ބަޔަކަށް ރައްޔިތުންނަށް ކަންކަން
ކޮށްދޭން ނޭންގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.