ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅުނު 12،000ށް
ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަފައިވާ ކަމަށް ހޯމްލޭންޑް
މިނިސްޓްރީން ބުނެފި އެވެ.
"ސަރުކާރު" ވެބްސައިޓްގައި ހޯމް
މިނިސްޓްރީ އިން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން، ޖޫން
13ގެ ނިޔަލަށް 12،552
މީހުން އަނބުރާ ފޮނުވާލާފައިވާކަން އިމިގްރޭޝަންގެ ތަފާތު ހިސާބުތަކުން ދައްކާ
ކަމަށެވެ.
ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ
ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ފުލުހުން އަދި އިމިގްރޭޝަނުން ގުޅިގެން
ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހަށް ދެމިގެން ދާނެ ކަމަށް ހޯމް
މިނިސްޓްރީން ބުނެފައިވެ އެވެ.
އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށް ދާނީ
2895 ބިދޭސީއަކު ހޯދައި، އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް
ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުރުމުގެ އިތުރުން، ސައްޙަ ވޯކްޕާމިޓާއި ވިސާ ނެތް މީހުން ހޯދައި ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް
ކަމަށް ހޯމް މިނިސްޓްރީން ހާމަ ކޮށްފައިވެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ
ހައްލު ކުރުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން
ކުރަނގި" ގެ ދަށުން މިހާތަނަށް 202,000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު
އެއްކުރެވިފަވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. މިއީ ރާއްޖޭގައި އުޅޭ
ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ ހިމެނޭހެން، ފުރިހަމަ ޑޭޓާ ބޭސްއެއް
އެކުލަވާލުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިފަދަ
އޮޕަރޭޝަންތައް ހިންގަމުން ދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ
ހަވާލުވި ފަހުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަ ކުރަމުންދާ
މައްސަލަ އާއި، ހަމައެއް ލަމައެއް ނެތި އުޅޭ ބިދޭސީންގެ އަދަދު އިތުރު ވަމުންދާ
ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.