ދިވެހި ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ބެންކޮކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތައިލެންޑުގެ ކެބިނެޓުން މިހާރު ވަނީ ވިސާ ސިޔާސަތަށް ގެނައި ބަދަލުތައް ފާސްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ދުނިޔޭގެ 59 ގައުމަކުން ތައިލެންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި އެ ގައުމަށް އެތެރެވުމުގެ ހުއްދަ ލިބޭނެ އެވެ.

ތައިލެންޑުން މިގޮތައް ނިންމި އިރު 15 ޖުލައި 2024ން ފެށިގެން އޮތީ ދިވެހިންނަަށް 60 ދުވަހުގެ މުއްދަތެއްގައި ވިސާނެތި ތައިލެންޑަށް ދަތުރު ކުރެވޭ ގޮތަށެވެ.

ތައިލެންޑުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި 2024 ވަނަ އަހަރު އެ ގައުމުން ވަނީ 93 ގައުމަކާއި ސަރަހައްދެއްގެ ރައްޔިތުންނަށް 60 ދުވަހުގެ ވިސާ އެގްޒެމްޕްޝަނެއް ތައާރަފުކޮށްފަ އެވެ. ނަމަވެސް، ގަވާއިދާ ޚިލާފު އަމަލުތައް އިތުރުވުމުގެ އިތުރުން ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ގުޅިގެން، އެންމެނަށް ހުޅުވާލާފައި އޮތް އެ އުސޫލު އުވާލުމަށް ތައިލެންޑުގެ ކެބިނެޓުން ފަހުން ވަނީ ނިންމާފަ އެވެ.

ޖުލައި މަހުގެ 14 ވަނަ ދުވަހު ގެނައި މި ބަދަލުގެ ދަށުން، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ތައިލެންޑަށް އެތެރެވާއިރު "ވިސާ އޮން އެރައިވަލް" އަށް އެދި ހުށަހަޅާކަށް ނުޖެހޭނެ އެވެ. ނަމަވެސް، ކުރިން 60 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި މަޑުކުރެވުނު ނަމަވެސް، އާ އުސޫލުގެ ދަށުން ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ ގިނަވެގެން 30 ދުވަހުގެ މުއްދަތަށެވެ.

މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިއުލާން އެ ގައުމުގެ "ރޯޔަލް ގެޒެޓް" ގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އަދި އައު ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ތައިލެންޑަށް އެތެރެވާ ފަރާތްތަކަށް، އެތެރެވިއިރު ދީފައިވާ މުއްދަތަށް އެ ގައުމުގައި މަޑުކުރެވޭނެއެވެ.