މިއީ ހެނދުނު
ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް ކަމަށާއި، ކަންކަން ރަނގަޅު ކުރުމުގެ ނިޔަތެއް
ނުވަތަ ވިސްނުމެއްވެސް މި ސަރުކާރުގައި ނެތްކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މިއީ ހެނދުނު
ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރަކަށް ކުރެވޭނީ
ކޮން ކަމެއްތޯ ސުވާލު އުފެދޭކަމަށެވެ. އަދި މިއީ އެއްވެސް ކަމެއް ވިސްނާލުމެއް ނެތި
ކުރާ ސަރުކާރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ،
މަޤާމަކާ ހަވާލުވާއިރު އަބަދުވެސް ވިސްނުން ބަހައްޓަން ޖެހޭނީ ހަވާލުވި އިރަށްވުރެ
އެތަނެއްގެ ޙާލަތު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަން ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި
ފެންނަނީ އެ މަންޒަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި
ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ.
އަދި މިހެން ދިމާވަނީ ކަންކަން ރަނގަޅުކޮށް އިސްލާޙު ކުރުމުގެ ނިޔަތެއްވެސް އަދި ވިސްނުމެއްވެސް
ނެތުމުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

 މަޤާމަކާ ޙަވާލުވާއިރު، އަބަދުވެސް ވިސްނުން ބަހައްޓަން ޖެހޭނީ ޙަވާލުވިއިރަށްވުރެ އެތަނެއްގެ ޙާލަތު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަން، ނަމަވެސް މި ސަރުކާރުގައި ފެންނަނީ އެ މަންޒަރެއް ނޫން، ސަރުކާރު ކުންފުނިތަކުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް، އެހެން ދިމާވަނީ ކަންކަން ރަނގަޅުކޮށް، އިސްލާޙު ކުރުމުގެ ނިޔަތެއްވެސް އަދި ވިސްނުމެއްވެސް ނެތުމުން
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ސަރުކާރުގެ
ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ދުވަހެއް ދުވަހަކަށް
ރައްޔިތުންނަށް ދެމުންދަނީ ނިކަމެތިކަން ކަމަށެވެ. ރައީސާ ބައްދަލުކުރުމުގެ ނަމުގައި
މިހާރު ކުރިއަށްގެންދާ ކަންކަމަކީވެސް ރައްޔިތުން ލައްވައި އާދޭސް ކުރުވައި، އެމީހުން
އިތުރަށް ނިކަމެތި ކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފަ
އެވެ.