ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި
ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު، ވެރިކަން ބަދަލުވި
ފަހުން އެއްކޮށް ހުއްޓި، އެތަން ވީރާނާވަމުންދާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން
ބުނެފި އެވެ.

ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި އެ ކައުންސިލުން
ވަނީ އެ މަޝްރޫއު ހުއްޓިފައިވާތީ އެކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ
އެވެ.
ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރައީސް
ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއްވެސް މަޝްރޫއެއް
ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ފެންނަމުންދަނީ އެއާ
މުޅިން ޚިލާފު މަންޒަރުތަކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ
ސަރުކާރުގައި ފެށި މި ބޮޑު މަޝްރޫއުގެ މަސައްކަތަށް ބަލާއިރު، ވެރިކަން ބަދަލުވި ފަހުން
އެންމެ ކުޑަމިނުން އިސްކުރެއްވެސް ޖަހާލާފައި ނުވާކަން ކައުންސިލުން ފާހަގަކުރެއެވެ.
މި މަޝްރޫއު ހުއްޓިފައި އޮތުމުގެ ސަބަބުން އެތަނުގައި
ޖަހާފައި ހުރި ޓިނުތައްވެސް ހުރީ ހުރި ގޮތަށް ކަމަށާއި، މުޅި ސަރަހައްދު އޮތީ ވީރާނާވާން
ދޫކޮށްލާފައި ކަމަށް ކައުންސިލުން ބުނެ އެވެ.

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު|ރާއްޖެ އެމްވީ
މީގެ އިތުރުން،
އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އެ
މަސައްކަތުގައި އުޅުނު މުވައްޒަފުންވެސް މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކައުންސިލުން
މައުލޫމާތުދެއެވެ.
ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން
ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންނެވެ.
އެގޮތުން ނިމިދިޔަ ރޯދަ މަހުގެ ތެރޭގައިވެސް ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން
ކަނު އަނދިރީގައި އުޅެން ޖެހުނުކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މިހާރު ކަންތައްތައް
ހުރި ގޮތުން، މިއަހަރުގެ ނިޔަލަށްވެސް އެކަށީގެންވާ ގޮތެއްގައި ކަރަންޓުގެ ހިދުމަތް
ފޯރުކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުޅުދުއްފުށީ
ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ނަމަވެސް އެ ބައްދަލުވުންތަކުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށާއި، މަޝްރޫއު ކުރިއަށް
ގެންދާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުވަތަ އުއްމީދެއް ސަރުކާރުގެ ފަރާތުން ލިބިފައި
ނުވާ ކަމަށް ކައުންސިލުން ބުނެއެވެ. މިއާއެކު ކުޅުދުއްފުށީގެ ރައްޔިތުން ތިބީ އަސާސީ
ހިދުމަތެއް ކަމަށްވާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.