އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި، މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމަގާމުތައް އުވާލައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ. 

18 ޖޫން 2026 ގައި އެޗްޑީސީން ވަނީ މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފަ އެވެ. މި ފުރުސަތުގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެފަހުން މިދިޔަ އާދިއްތަ ދުވަހު ވެސް ބައެއް މަގާމުތައް އުވާލަން ނިންމާފައިވާކަން މެމޯއަކުން އަންގައި، މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު މިމަހުގެ 20ގެ ނިޔަލަށް ދީފައިވެ އެވެ. 

މިހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މުވައްޒަފުންނަށް ނޯޓިސް ފަނުވަން ފަށާއިރު، އީމެއިލްގައި ބުނެފައިވަނީ އަދާކުރާ ވަޒީފާގެ މަގާމު އުވާލާފައިވާ ކަމަށެވެ. 

2000ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ އެޗްޑީސީން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އަންގާފައިވަނިކޮށެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޮޑު ގެެއްލުމަކާއެކު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން ވެސް މުވައްޒަފުން މަދުކުރުމަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ޖޫން މަހުގެ ކުރީކޮޅު ދީފައިވެ އެވެ.