ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ އިރުވެސް ދައްކަވަނީ މުޅިން އާ އެއަރޕޯޓުތައް އަޅާ ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ ކުރީގައި ހުރި ކަންކަން ބެލެހެއްޓޭނެ ގޮތެއް ނުހޯދައި ސަރުކާރުން ބަލަނީ އިތުރު ކަންކަން ކުރެވޭތޯ ކަމަށެވެ.

ނާޒިލް ވިދާޅުވީ މި ސަރުކާރަގެ 5 އަހަރު ނިމިގެން ދާއިރު އާ އެއްވެސް އެއަރޕޯޓެއް އެޅޭނެހެން ހީނުވާ ކަމަށާއި މިހާރު ރަނގަޅަށް ހިނގަ ހިނގާ ހުރި އެއަރޕޯޓުތަކުގެ އޮޕަރޭޝަންތައް ވެސް ދަށް ވެގެން ދާނެ ކަމަށެވެ.

މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭތީވެ، އެތަންތަން ހަލާކުވެ ނެތި ދާނެ ކަމުގެ ޝަކުވާ އަންނަ ކަމަށާއި، ރައީސް މުއިއްޒު ގެންދަވަނީ މިތަންތަން ބެލެހެއްޓެވުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް އާ އެއާޕޯޓުތައް އެޅުމަށް ވައުދުވަމުން ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

މިހާރު ހުރި އެއަރޕޯޓުތައް ހަގީގަތުގައި މިބޭފުޅުންނަށް މެއިންޓެއިންސްކޮށް ނުބެލެހެއްޓޭތީ އެ ޝަކުވާތައް އެއަރޕޯޓުތަކުން ވަރަށް ބޮޑަށް އެބަ އާދޭ، އެއަރޕޯޓުތައް މެއިންޓެނެންސް ނުބެލެހެއްޓޭތީ އެތަންތަން ބޮޑުކޮށް ހަލާކުވެ ނެތިދާނެ، އޭގެ ބަދަލުގައި އާ އެއަރޕޯޓުތަކެއް ސިޔާސީ ބޭނުމަށް އެޅުމުގެ ވާހަކަ މި ދައްކަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

މީގެ އިތުރުން ބޮޑެތި މަޝްރޫއުތައް ފަށާފައި ނިންމާލަން މަދުވެގެން 2 އަހަރާއި 2 އަހަރު ބައިގެ މުއްދަތެއް މަޝްރޫއު ހިންގާ ފަރާތަށް ދޭން ޖެހޭކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ މިސަރުކާރަށް ބާކީ މިއޮތް 2 އަހަރު ތެރޭގައި އަލަށް މަޝްރޫއުއެއް ފަށައިގެން މި ދައުރު ތެރޭ ނިންމާ ނުލެވޭނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މިހާރު ފަށާފައިވާ އެއަރޕޯޓުތަކުގެ މަސައްކަތް ނުކޮށް ބެލުމެއް ނެތި ކައިރި ކައިރީގައި އެއަރޕޯޓު އެޅުމަށް ވައުދުވަމުންނެވެ. މިކަމާއި ގުޅިގެން އާންމު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިގުތިސާދީ މާހިރުން ވެސް ދަނީ މިގޮތަށް މިކަން ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ.