ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުގެ އަދަދާއި، އެދަތުރުތަކަށް ހިނގި ޚަރަދު ހާމަކުރުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް ކަމަށް  ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ
އާއިލާ އާ އެކު ޗުއްޓީ ހޭދަ ކުރެއްވުމަށް އާރަށަށް، މިއަހަރު މިހާތަނަށް ޖުމްލަ
ކިތައް ދަތުރު ކުރައްވައިފިތޯ އާއި މިދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ ކިހާ
ފައިސާ އެއް ޚަރަދުވެފައިވޭތޯ އާއި ރައީސްގެ ދެކަނބަލުންނާއި، ބޭފުޅުންގެ އިތުރުން އެހެން އެއްވެސް ފަރާތެއް މި ދަތުރުތަކުގައި
ބައިވެރިކޮށް އާރަށަށް ގެންގޮސްފައިވޭތޯ އާއި އަދި އެއީ ކިތައް ފަހަރު ކިތައް
މީހުންތޯ ސާފު ކުރުމަށް ހުށަހެޅި ސުވާލުގެ ޖަވާބުގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މި މައުލޫމާތަކީ، އެމަނިކުފާނު އާރަށަށް ކުރައްވާ ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ކަމަށްވެފައި، އެ މައުލޫމާތު ހާމަކޮށްފިނަމަ އެ މައުލޫމާތުގެ އަލީގައި އެމަނިކުފާނުގެ މޫވްމަންޓް ހުންނަ ގޮތް ދެނެގަނެވިދާނެ ކަމަށް ފެންނަ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމެއް ކަމުގަ އެވެ.

އެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދަމުން އިތުރަށް ޑިފެންސުން ބުނެފައިވަނީ އާރަށަކީ
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީ ހޭދަކޮށްލެއްވުމަށް
ދައުލަތުން ކަނޑައަޅާފައިވާ ރަށެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ
ތަންތަނާއި، އެމަނިކުފާނުގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަކީ ގާނޫނު
އަސާސީންނާއި ސިފައިންގެ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމު ކޮށްފައިވާ
ކަމެކެވެ. އެހެން ކަމުން ސިފައިން މަސައްކަތް ކުރަމުން ގެންދަނީ އެމަނިކުފާނުގެ
ސަލާމަތާއި އެމަނިކުފާނު ދިރިއުޅުއްވާ ތަންތަނުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުވާނެ
ހުރިހާ ގޮތަކަށް ވިސްނައިގެން ކަމަށެވެ.

ސިފައިންގެ ގާނޫނަށް ހަވާލާ ދެމުން އިތުރަށް ބުނެފައިވަނީ، ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ.) ގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތަކަށް، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މައުލޫމާތު ހޯދާ
ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ހ. ގައި ދިވެހިރާއްޖޭގެ އެއްވެސް
ގާނޫނަކުން އެކަމެއް ހާމަކުރުމަކީ ކުށެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމެއް ހާމަ
ކުރުން އެ ގާނޫނުން އިސްތިސްނާވާނެ ކަމަށް ބަޔާން ކޮށްފައިވާތީ، މި ދެންނެވި
ގާނޫނުތަކަށް ރިއާޔަތް ކޮށް އެދިފައިވާ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތަކަށް
ނުވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމުގަ އެވެ.