އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ސ.މަރަދޫ / އާލް ، އަޙްމަދު ހާރިޝް (32އ) އެވެ.

ބުދަ ދުވަހު ފުލުހުން ބުނީ، ހާރިޝް ހައްޔަރު ކުރީ މި މަހު 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. 

އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ އިތުރުން އޭނާ ގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއްވެސް ގަން ޕޮލިހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި، ހާރިޝް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.