އައްޑޫ ސިޓީ ގައި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އިން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފެނަކަ އައްޑޫ ބްރާންޗުން ހިންގި މަޝަރޫއުތަކާއި، ގުޅޭ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ފަހު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު 20 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން 4 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.

އެގޮތުން މެންބަރު މަމްދޫހު ހުށަހެޅުއްވީ، އޭރު މަޝްރޫއުތައް ހިންގިއިރު ހުންނެވި ބޯޑް އޮފް ޑިރެކްޓަރުނާއި ފައިސާއަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަށް ހޯދައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންނަށާއި ފުލުހުންނަށް އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށެވެ. އަދި ކުންފުނިން މުވައްޒަފުން ނެގުމުގައި އޮނިގަނޑެއް ކަނޑައަޅައި އެ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ނެގުމާއި އެ އޮނިގަނޑު މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުމަށެވެ. 

މީގެ އިތުރުން ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރުމާއި، ޕެޓީ ކޭޝް ހަރަދުކުރާނެ ގޮތް އިސްލާހު ކުރުމާއި، ޕޭބަލްސްގެ ގޮތުގައި ކުންފުންޔަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި، ކޮންމެ ފެނަކަ ބްރާންޗެއްގެ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވުމުގެ އިތުރުން ހަރަދުތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މެންބަރު އަޒާން ހުށަހެޅުއްވި ކަންތައްތަކަށް ބަލާއިރު، މި މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށް އޭސިސީ އަށް އެންގުމާއި، އައްޑޫ ފެނަކަ މުވައްޒަފުންގެ ތެރެއިން މި މައްސަލައިގައި ޝާމިލުވާ މުވައްޒަފުން ވަގުތީ ގޮތުން އެކަހެރިކުރުން އަދި މަނީ ލޯންޑްރީންގެ ނަމުގައި ތަހުގީގެއް ހިންގަން ފުލުހަށް ހުށަހެޅުން ހިމެނެ އެވެ.

މެންބަރު މަމްދޫހު ހުށަހެޅުއްވި ހުށަހެޅުންތައް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައި އެވެ. އަދި މެންބަރު އަޒާންގެ ހުށަހެޅުއްވުންތައް 4 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައި އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.