ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިހުމާލުވަމުންދާތީ، އެކަމާ މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ފުރުސަތު އެޗްޑީސީން ނުދިން ކަމަށް މާލެސިޓީ ކައުންސިލުން ބުނެފި އެވެ. 

މާލެސިޓީ ކައުންސިލުން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި އެޗްޑީސީން އިހުމާލުވަމުންދާ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް މޭޔަރު އާދަމް އާޒިމް އާއި، ކައުންސިލަރުން ބުދަ ދުވަހު އެޗްޑީސީއަށް ވަޑައިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދީފައިނުވާ ކަމަށެވެ. 

މޭޔަރާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ، ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާއި އެފްޑީސީގެ ފްލެޓްތަކާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބޭތީ އެކަމާ ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ހުޅުމާލޭގެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ނުލިބޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި، އެކަމާ ގުޅޭގޮތުން އެޗްޑީސީއާއެކު މަޝްވަރާ ކޮށް އަވަސް ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު އެޗްޑީސީން ފަހިކޮށްދީފައިނުވާ ކަމަށާއި، މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލަ ހައްލުވަންދެން އެޗްޑީސީއަށް ދާނެ ކަމަށެވެ. 

މި މައްސަލައަކީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ހުށަހެޅުއްވި މައްސަލައެކެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ސިޓީ ކައުންސިލުން ދަނީ މިކަމުގައި އެޗްޑީސީގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.