ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ހުސްއަނގަތަޅާ ސަރުކާރެއް ކަމަށާއި، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތް ވެސް ފޯރުކޮށް ނުދެވޭނެ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝާތިރު ވަނީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށް ކޮށްލާފައިވާ ކަމަށާއި، ރާއްޖެ ފަހަތަށް ޖައްސާފައިވާ ކަމަށެވެ. 

މިއީ ހުސްއަނގަތަޅާ ސަރުކާރެއްކަން ފާހަގަކުރައްވައި ޝާތިރު ވިދާޅުވީ ވާހަކައިން ސަރުކާރު ހިންގާ ކަމަށާއި، އެގޮތަށް ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ވަރަށް ފުރިހަމައަށް ދެމުންދާ ކަމަށެވެ. އާސަންދަ ޚިދުމަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މިސަރުކާރު އައީ އާސަންދަ ފުޅާ ކުރުމަށް ކަމަށާއި، ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކުން މި ޚިދުމަތް ދިވެހިންނަށް ފޯރު ކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް މިސަރުކާރާއެކު ރާއްޖެއިން ވެސް މިއަދު ދިވެހީންނަށް އާސަންދަ ޚިދުމަތް ނުލިބޭ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

އަމަލެއް ނެތް. ވާހަކައިން ހިންގޭތޯ މިބަލަނީ. އެނގިވަޑައިގަންނަވާނެ އާސަންދައިގެ ކަންތަކުގައި ތިވިދާޅުވިހެން އަނގަތަޅާގެން ސަރުކާރުގެ މޮޅެތިވެރިން އަނގަތަޅާފަ މި ބުނަނީ ދުނިޔޭގެ ހުރިހާ ގައުމަކުން ތިމަންނަމެން އާސަންދަ ލިބޭ ގޮތް ހަދާނަމޭ. ބޭންކޮކް އިން އާސަންދަ ލިބޭ ގޮތް، ދުބާއީން އާސަންދަ ލިބޭ ގޮތް ހަދާދޭނަމޭ. އެހެން ބުނި މީހުންނަށް ރާއްޖެއިން ވެސް އާސަންދަ ނުލިބިގެން މިއުޅެނީ. 
ޝާތިރު އަބްދުއްރަހްމާން

ޝާތިރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުރިހާ ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ހަމަހަމަ އުސޫލެއްގެ ތެރެއިން ލިބޭ ކަމަށާއި، ސިޔާސީ ބޭފުޅުންގެ ގާތަށް ދާން ރައްޔިތުންނަށް ނުޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން ޖެހޭ ނަމަ ޕީއެންސީގެ ބޭފުޅުންގެ ގާތަށް ދާން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝާތިރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ކުރުމަށް ނޫން ކަމަށާއި، އެކަން އެމަނިކުފާނު އިއްވެވި 3 ރިޔާސީ ބާޔާނުން ވެސް ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ 2024، 2025 އަދި 2026 ގެ ރިޔާސީ ބަޔާނުގައި އާސަންދައާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަ ދައްކަވާފައިވަނީ ތިން ގޮތަށް ކަމަށެވެ. 

ޝާތިރު ވިދާޅުވީ މިސަރުކާރާއެކު ގައުމުގެ މިސްރާބު ރަނގަޅުނުވާނެ ކަމަށާއި، ބަދަލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.