ހުޅުމާލޭގެ
ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް
ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު
ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

ކްރިމިނަލް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ޝާފިއު އެވެ.
ބުދަ
ދުވަހުގެ މި އަޑުއެހުމަކީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭއްވެވި
އަޑުއެހުމެކެވެ.
އާބިދަށް
ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ
ދައުވާއެވެ. އޭނާ ވަނީ ގަސްތުގައި
މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި
އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ
ނަފްސުގެ ދިފާއުގަ އެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭކަމަށާއި، ގަސްދު މަރުގެ
ދައުވާއަށް އިންކާރުކުރާކަމަށް އޭނާ ބުނެ އެވެ.
މި
މައްސަލައިގައި އާބިދުގެ ފަރާތުން ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ނަމަވެސް ދައުލަތުން ހެކި ހުށަހެޅިއެވެ. އެ ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވަނީ
ޝަރީއަތް ފެށުމުގެ ކުރިންނެވެ. ސަބަބަކީ މި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ
ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންނަށްވާތީ، ދައުލަތުން އެގޮތަށް އެދިފައިވާތީ
އެވެ.

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު|ރާއްޖެއެމްވީ
މި
މައްސަލައިގެ ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ. އޭގެ
ތެރޭގައި ޑެތް ސަމަރީ ތައްޔާރުކުރި ޑޮކްޓަރުވެސް ހިމެނެއެވެ. ނަމަވެސް އެ ހެކިވެރިން
ތައްޔާރުކޮށްފައިވާ ރިޕޯޓަށް ޝަރީއަތުން ބުރަދަން ދީފައިވެ އެވެ.
ގާޒީ
ވިދާޅުވީ، އާބިދު ތަހުގީގު މަރުޙަލާގައާއި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަކީ
އޭނާ ވެފައިވާ އިއުތިރާފެއްކަމަށް ދައުލަތުން ޤަބޫލު ކުރިނަމަވެސް، އޭނާގެ
ބަޔާނަށް ބަލާއިރު، އޭނާ ޙަމަލާދިނީ ގަސްދެއް ނެތިކަމަށް ބުނެފައިވާތީ އެއީ ގަސްދުމަރުގެ
ދައުވާއަށް އޭނާ އިއުތިރާފުވުންކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާ
ދައްކާފައިވާ ވާހަކަތަކަކީ އޭނާގެ އިޤުރާރެއްކަމަށް ބުރަވެވޭކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ
ވިދާޅުވީ، އޭނާ ގަސްދެއް ނެތްކަމަށް ބުނިނަމަވެސް، އޭނާ ހިންގި އަމަލަކީ މީހެއްގެ
ފުރާނަ ގޮސްދާނެ ފަދަ އަމަލެއްކަމަށް ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ ރުޅިވެރިކަމާއެކު
ވަޅިއެއް ބޭނުންކޮށްގެން ހަމަލާދިންކަން ހެކިންގެ ހެކިބަހުންވެސް އެނގެން އޮތުމުން
އެކަމަށް އިތުރަށް ބާރު ލިބިދޭކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވަނީ އޭނާ ނަފްސުގެ ދިފާއުގައި ކުރި ކަމެއްކަމަށް
ބުނެ ދެއްކި ވާހަކަތަކަކީ އޭނާ އަމިއްލައަށް "އުފަންކުރުވި" ހިޔާލީ
ޙާލަތެއްކަމަށް ބުރަވެވޭކަމަށްވެސް ވިދާޅުވެފަ އެވެ.
ގާޒީ
ވަނީ އޭނާ ގެ މައްޗަށް އުފުލާފައިވާ ގަސްދުމަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް
ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފަ އެވެ. އެހެންކަމުން ދެން އޮންނާނީ ވާރިސުންގެ މައުލޫމާތު ސާފު ކުރުމަށްފަހު އެމީހުންގެ ބަސް ނެގުމެވެ.