ހުސްވެފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާގެ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ. 

 ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައި ވަނީ މުހައްމަދު ހަލީމް އަބްދުﷲ އަދި ފާތިމަތު އަމީޒާގެ ނަމެވެ. 

އެ މައްސަލަ ދިރާސާ ކުރީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީ އިންނެވެ. ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ވަނީ މާކުސް ލިބުނު ތަރުތީބުން ދެ ބޭފުޅުންގެ ނަންތައް ތަޅުމަށް ހުށަހަޅަން ފާސްކޮށްފަ އެވެ. އެގޮތުން އަމީޒާ އަށް 92.44 މާކްސް ދިން އިރު، ރައީސް އިސްކަން ދެއްވި ހަލީމަށް ކޮމިޓީން ދިނީ 82.89 މާކްސް އެވެ. 

ކޮމިޓީ އިން އެންމެ މަތިން އަމިޒާއަށް މާކްސް ލިބުމުން ތަޅުމުގައި ފުރަތަމަ ވޯޓަށް އެހީ ވެސް އޭނަގެ ނަމަށެވެ. އެގޮތުން އަމީޒާއަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ. 

މީރާ 2010 ވަނަ އަހަރު އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތް ކުރައްވަމުންގެންދަވާ އަމީޒާ މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުގަ އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރިރު އިސްތިއުފާ ދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ މަގާމަށް ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރެއްވުމުންނެވެ.