މި ސަރުކާރުން މަސައްކަތްތެރިން ދެކެނީ ހިފާ ގެންގުޅޭ ތަކެތީގެ ގޮތުގައި ކަމަށާ މަސައްކަތްތެރިން ގެންގުޅެނީ ވެސް އެގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރުގައި ހިފެހެއްޓުމަށް މުވައްޒަފުން މަދު ކުރުމަށް ނިވައިފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަމުންދާ ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް މެންބަރު މައުރޫފް ހުށަހެޅުއްވި ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އެ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ އެއްވެސް އުސޫލެއް، ހަމައެއް ނެތި މި ސަރުކާރުން މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށާ އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުގައި ތެދުވަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާ މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ދިއުން ބަލައި ނުގަންނާނެ ކަމަށެވެ. 

ކޮމޯޑިޓީސްގެ ގޮތުގައި، ހިފާ ގެންގުޅޭ މުދަލުގެ ގޮތުގައި މިއަދު މަސައްކަތްތެރިން މި ސަރުކާރުން ދެކެނީ، މިއީ ކޮން ޒަމާނެއްތޯ؟ މިއީ 21 ވަނަ ގަރުނޭ. ހިފާ ގެންގުޅޭ މުދަލުގައި، ބޭނުންވީމާ ވަޒީފާ ދީފައި ބޭނުންވީމާ ކަނޑާލައިފައި އަނެއްކާ އަނެއް ދުވަހު އަނެއް ވަޒީފާ ދީފައި އަނެއް ދުވަހު އަމައަށް ގުޅައިގެން ބިރު ދައްކާ އެބަ ދަރިން ސިޔާސީ ކަންކަމުގައި އުޅެނީއޭ ކިޔައިފައި ވަޒީފާ އިން ކަނޑާލާނަމޭ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު ވިދާޅުވީ ކުންފުނިތަކުގައި ތިބި މަސައްކަތްތެރިން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޔޫނިއަން ހެދުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގައި ތިބި މުވައްޒަފުން ނުކުމެ ޔޫނިއަންތައް ހަދާ މަސައްކަތްތެރިން އޯގަނައިޒްވެ، ސަރުކާރާ ކުންފުނިތަކުގެ ވެރިންނަށް މަސައްކަތްތެރިންނާ ދޭތެރޭ ފިޔަވަޅު ނޭޅޭ ވަރަށް ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. 

ހުރިހާ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ، ހަޅުތާލު ކުރުމުގެ ހައްގު މަސައްކަތްތެރިންގެ އަތްމައްޗަށް ނަގަންޖެހޭ ކަން ފާހަގަ ކުރައްވާ މައުރޫފް ވިދާޅުވީ އެ ހައްގު މަސައްކަތްތެރިންގެ އަތްމައްޗަށް ނެގުމުން ކުންފުނިތައް ހުއްޓައިލެވޭނެ ކަމަށެވެ. އެގޮތުން ފެނަކައާއި ސްޓެލްކޯ އަދި އެމްޕީއެލް ހުއްޓައިލެވޭނެ ކަމަށާ އޭރުން އެއްވެސް މަސައްކަތްތެރިއަކު ކަނޑާލަކަށް ނުކެރޭނެ ކަމަށް މެންބަރު ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށެވެ. އެހެން ކަމުން އެކަކު އަނެކެއްގެ ހައްގުގައި ނިކުތުމަށް މެންބަރު ތަކުރާރު ކޮށް ގޮވާލެއްވި އެވެ.