ބިންވެރިޔާ
ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް
ދޫކުރަން ފަށާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން
ބުނީ، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުން
ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ.

މީގެ ކުރިން
ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރީ ގުޅިފަޅަށް ގޮސްގެން ކަމަށް ވިޔަސް މިހާރު އެ
ސަރަހައްދަށް ނުގޮސް ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕޯޓަލް
މެދުވެރިކޮށް ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި
ގޯތީގެ މިހާރުގެ ހާލަތު ނުވަތަ ސްޓޭޓަސް ވެސް ބަލައިލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން
ބުނެއެވެ.

އެހެންނަމަވެސް،
މި ލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން
ގޯތީގެ ރަޖިސްޓްރީ އާއި ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހައުސިންގ މިނިސްޓްރީން
ބުނެއެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ
ސަރަހައްދެއްގައި ހިމެނޭ ނަމަ އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން
ދޫކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.