ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒް އާއި ބައްދަލުކުރަން ބޭނުންވާ ރައްޔިތުން ނަން ނޯޓު ކުރުމަށް ރައީސް އޮފީހުން ހުޅުވާލުމާ
ގުޅިގެން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
އާޒިމް ވިދާޅުވީ، ރައީސާ ބައްދަލުކުރެއްވުމަށް އޭނާވެސް އެދިވަޑައިގެން އުޅުއްވާތާ މިހާރު
ތިން އަހަރާ ގާތްވަނީ ކަމަށާއި، މިއަދާ ހަމައަށްވެސް އެ ފުރުސަތު ލިބިވަޑައިގެންފައި
ނުވާ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ، ރައީސާ ބައްދަލުކުރައްވަން އޭނަ ބޭނުންފުޅުވަނީ މާލޭގެ ރައްޔިތުންގެ ހުރި ގިނަގުނަ ކަންބޮޑުވުންތަކާއި ދަތިތައް ހިއްސާކުރެއްވުމަށް
ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ ގިނަ
ރައްޔިތުންނާ ބައްދަލުވެފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ރައްޔިތުން ތިބި
ނިކަމެތި ހާލަތު އޭނާއަށް ނުހަނު ގާތުން އެނގިލައްވާ ކަމަށެވެ. އަދި ރައްޔިތުންގެ ހާލަތު
ސަރުކާރަށް ނޭނގެނީތޯ އާއި، މިއަދު ރައްޔިތުންނާ ބައްދަލުކުރަން ނަން ނޯޓު ކުރަން ހުޅުވާލަނީ
ކޮން ކަމެއް ސާފުކުރަންތޯ އާޒިމް ސުވާލު އުފެއްދެވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އާޒިމް
ވިދާޅުވީ، މި ސަރުކާރުން ދުވަހެއް ދުވަހަކަށް ރައްޔިތުންނަށް ދެމުންދަނީ ނިކަމެތިކަން
ކަމަށެވެ. ރައީސާ ބައްދަލުކުރުމުގެ ނަމުގައި މިހާރު ކުރިއަށްގެންދާ ކަންކަމަކީވެސް
ރައްޔިތުން ލައްވައި އާދޭސް ކުރުވައި، އެމީހުން އިތުރަށް ނިކަމެތި ކުރުމަށް ހިންގާ
އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކުރިމަތީގައި
"ޗަރުކޭސް" ކުޅުމާއި "ޑްރާމާ" ކުޅުން ހުއްޓާލުމަށް އާޒިމް ވަނީ
ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.

  ދުވަހެއް ދުވަހަކަށް ރައްޔިތުންނަށް ނިކަމެތިކަން ދިނުން ނޫން ކަމެއް މި ސަރުކާރުން ނުކުރޭ، މިހާރުވެސް ރައީސާ ބައްދަލު ކުރުމުގެ ނަމުގައި ރައްޔިތުން އެ ގެންދަނީ ރައްޔިތުން ލައްވައި އާދޭސް ކުރުވައި، އެ ރައްޔިތުން ނިކަމެތި ކުރުމަށް، ކޮންމެހެން ރައްޔިތުންގެ ކުރިމަތީގައި ޗަރުކޭސް ކުޅެން އުޅޭނެކަމެއް ނެތް، ޗަރުކޭސް ކުޅެން، ޑްރާމާ ކުޅެން މިއީ ރައީސުލްޖުމްހޫރިއްޔާއޭ، އެބޭފުޅާ ބޭނުންވަނީ މީހުން ކުރިމައްޗަށް އަރައި މީހުން ލައްވައި ރޯން، އެއީ ހާދަ ނިކަމެތި ކަމެކޭ،
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވަނީ
ރައްޔިތުންގެ ކަންކަމުގައި ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށެވެ. ރައްޔިތުންގެ ހަގީގީ
ހާލަތު އެނގިވަޑައިގެން ތިއްބަވައި، ބައްދަލުވުންތަކުގެ ނަމުގައި ހިންގާ މިފަދަ ކަންކަމަކީ
އިޚުލާޞްތެރިކަމެއް ނެތް ކަންކަން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.