ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް
ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ
ދަށުން، އިތުރު ހަތް ބްރާންޗުގެ ޚިދުމަތްފަށައި ބޭންކިންގ ވިއުގަ ފުޅާކޮށްފި އެވެ.
ބުދަ ދުވަހުގެ ހެނދުނު ބޭއްވި
ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.
މުހައްމަދު މުއިއްޒު އެވެ.
މި ބްރާންޗުތައް ހުރި ރަށްތަކަކީ:
•
ހއ. ހޯރަފުށި
•
ށ. ކަނޑިތީމު
•
ރ. އަލިފުށި
•
ޅ. ހިންނަވަރު
•
އދ. މާމިގިލި
•
ގއ. ގެމަނަފުށި
•
ލ. މާވަށް
އެ ބޭންކުން ބުނީ މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު
ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭ ހުޅުވި 17
ބްރާންޗް ހިމެނޭ ކަން ފާހަގަކޮށް ބޭންކުން ބުނީ މިއިން ދައްކުވައިދެނީ ބޭންކިންގ ހިދުމަތްތައް ރައްޔިތުންނާ ގާތުން
ފޯރުކޮށްދިނުމަށް ބޭންކުން ކުރާ ދެމެހެއްޓެނިވި އިންވެސްޓްމެންޓް ކަމަށެވެ.
ބުދަ ދުވަހުގެ ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް
ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭ ކުރިއެރުން އިންވެސްޓް
ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. އަދި ބޭންކަށް ލިބޭ މާލީ
ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް،
ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު
ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ
އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ
ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން
ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ހިމެނެ އެވެ. އައު އީޖާދުތަކާއި ހިދުމަތްތައް
ފުޅާކުރުމުގެ ޒަރީއާއިން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން
ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދެ އެވެ.