ލ. ހިތަދޫ އިން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އިން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުއްވައިފި އެވެ. 

މެންބަރު ފޮނުއްވި ސިޓީގައި ބުނީ ލ. ހިތަދޫގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން އަންނަނީ ސަރުކާރުގެ ސަމާލު ކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ. 

އެ ރަށުގައި ބޭނުންކުރާ 3 ޖެނެރޭޓަރުގެ ތެރެއިން ދެ ޖެނެރޭޓަރު މައްސަލަޖެހި، ހަލާކުވެފައިވުމުގެ ސަބަބުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑި، ރަށުގެ ރައްޔިތުން އަންނަީ އިންތިހާ އަށް ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަމުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ނަމަވެސް މި މައްސަލައިގެ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ވަނީ ނުކުޅެދިފައިި ކަމަށް ޝާކިރު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މި މައްސަލައިގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގެދޮރުގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުން ދާކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންބޮޑުވުން ބޮޑު މައްސަލައަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމޓީ އަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހާޒިރުކޮށް، މި މައްސަލަ ބައްލަވައިދެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި ކޮމިޓީގެ މުގައްރިރަށް ދަންނަވައި، މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ބޭއްވުމަށް ވެސް މެންބަރުގެ ސިޓީގައި ވެ އެވެ.