ސިޔާސީ
ޕާޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ
ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ސިލްސިލާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ
ބައްދަލުވުންތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އިލެކްޝަންސް
ކޮމިޝަނުގެ އިދާރާގައި އަންގާރަ ދުވަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ
ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއަރޕަރސަން މުޙައްމަދު
ނަޝީދާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

މީގެ އިތުރުން
އެމްޑީޕީގެ އިސް ބޭފުޅުންނާއި، ޕާޓީގެ ޤާނޫނީ ޓީމުގެ މެންބަރުންވެސް މި ބައްދަލުވުމުގައި
ބައިވެރިވެވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުން|އިލެކްޝަންސް ކޮމިޝަން
މި ބައްދަލުވުމުގައި
އެމްޑީޕީގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ މެދުގައި އޮންނަ
އިތުބާރު ގެއްލުވާނުލައި، އެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އަމަލުތައް
ބެހެއްޓުމަށް ބާރުއަޅާފަ އެވެ. ވަކިން ހާއްސަކޮށް އިންތިޚާބީ ކަންކަމާއި ސިޔާސީ ޕާޓީތަކާ
ގުޅޭ ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ، އިންސާފުވެރި އުސޫލުތަކެއް ގެންގުޅުމުގެ
މުހިންމުކަން އެ ޕާޓީން ފާހަގަކުރި އެވެ.
މީގެ އިތުރުން،
ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށް ކުރިމަތިވަމުންދާ އެކި ކަންބޮޑުވުންތައް
އެ ޕާޓީން ވަނީ ކޮމިޝަނުގެ މެންބަރުންނާ ހިއްސާކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުން.|އިލެކްޝަންސް ކޮމިޝަން
މިއީ ރާއްޖޭގައި
ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށް އިލެކްޝަންސް
ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު
މަގްސަދަކީ ސިޔާސީ ޕާޓީތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކޮމިޝަނާއި ޕާޓީތަކާ
ދެމެދު އޮންނަ މުއާމަލާތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. އަދި ޕާޓީތަކުން ހުށަހަޅާ
ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް
ކޮމިޝަނުން ވަނީ ދީފަ އެވެ.