ކޯޓުތަކަށް އައްޔަނުކުރާ އިސްފަނޑިޔާރުން ވަކި
ސަބަބެއް ނެތި މަގާމުން ދުރުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ގަވާއިދެއް ހަދައި
އަމަލުކުރަން ފަށައިފި އެވެ.
އަންގާރާ ދުވަހު އަމަލުކުރަން ފެށި މި ގަވާއިދަށް
ކިޔަނީ "ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ
ގޮތުގެ ގަވާއިދު" އެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޯޓުތަކަށް
އައްޔަނުކުރާ އިސްފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން
ދުރުކުރަން ޖެހޭ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފެނިއްޖެނަމަ އެ މަގާމުން ފަނޑިޔާރަކު
ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.
މި ގަވާއިދުގެ ދަށުން އިސްފަނޑިޔާރުން އައްޔަނުކުރުމުގައި
ބަލާނެ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ. އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ގާނޫނުތަކަށް
އަހުލުވެރިވެފައިވާ މިންވަރަށާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ
ނަޒަރިއްޔާތަށް ބަލާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މުއާމަލާތް ކުރުމުގެ ހުނަރާއި އަމިއްލަ
ނަފްސަށް އިތުބާރު ކުރާ މިންވަރަށް ވެސް ބަލާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ
އެވެ. އަދި މަސައްކަތުގެ އަހުލާގު އަދި ހިންގުމުގެ ހުނަރާއި މައްސަލަތައް ހައްލުކުރުމުގެ
ވިސްނުން ހުރި މިންވަރަށް ވެސް ބަލާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
މިހާރު މި ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފަ
އެވެ. މި ގަވާއިދުގެ ސަބަބުން އިސްފަނޑިޔާރުން ވަކި ކުރުމުގައި ޖޭއެސްސީއަށް
ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ. މި ގަވާއިދަކީ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި
ހަދާފައިވާ ގަވާއިދެއް ކަމަށް ވިޔަސް ވަކި ސަބަބެއް ނެތި އިސްފަނޑިޔާރުން މަގާމުން
ދުރުކުރެވޭ ގޮތަށް ބާރުތައް ދީފައިވުމަކީ އެ ބާރުގެ ނަހަމަ ބޭނުން ހިފުމަށް
މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެ އެވެ.