ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސް އޮފީހުން އަންގާރަ ދުވަހު ހުޅުވާލައިފި އެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެލްޖީއޭގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ބޯޑުގައި ތިއްބެވި ތިން މެންބަރުންގެ، މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ.
މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންގާރަ ދުވަހުން ފެށިގެން، 29 ޖުލައި 2026 ވާ ބުދަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.