ކުޅުދުއްފުށި
ސިޓީ ކައުންސިލްގެ ޤާނޫނީ ނިންމުންތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުރަސްއަޅައި،
ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ބާރުތައް ނިގުޅައިގަންނަމުންދާތީ، އެކަންކަން
ވަގުތުން ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް
ގޮވާލައިފި އެވެ.

އެމްޑީޕީން
ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނުން ސިޓީ
ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ޤާނޫނީ ޝަޚްޞިއްޔަތާއި އަމިއްލަ އިޚްތިސާސްގެ
ތެރެއިން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި އެ ނިންމުންތައް
ބާތިލުކުރުމަށް މަޖުބޫރުކުރަމުންދާ ކަމަށެވެ. މިކަން އެންމެ ހަރުކަށި އިބާރާތުން އެ
ޕާޓީން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ
ބަޔާނުގައި ބުނެފައިވަނީ، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް، ސަރުކާރުން
އެލްޖީއޭގެ މައްޗަށް ނުފޫޒު ހިންގައިގެން ބޭނުންހާ ގޮތަކަށް ބަދަލުކުރަން އެންގުމަކީ
ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

މީގެ
އިތުރުން، ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ
ވޯޓުން އިންތިޚާބުކޮށްފައިވާ މަންދޫބުން، ރައްޔިތުންގެ ލާބައަށްޓަކައި ނިންމާ ނިންމުންތަކަކަށްވީ
ހިނދު، ސަރުކާރުގެ ނުފޫޒުން ފޮނުވާ ސިޓީތަކުން މި ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން
އުޅުމަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނިންމުމަށާއި، ޖުމްލަކޮށް މުޅި ހދ. އަތޮޅު
ރައްޔިތުންގެ ގޮވާލުންތަކަށާއި ޝުޢޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ
އަލިގަދަ ހެކިތަކެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން
ސަރުކާރަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ގޮވާލާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ
ކައުންސިލުން ނިންމާފައިވާ ޤާނޫނީ ނިންމުމަށް އިޙްތިރާމްކޮށް، އެ ނިންމުން ބަދަލުކުރުމަށް
ފޮނުވާފައިވާ ޣައިރުޤާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށެވެ. އަދި ލާމަރުކަޒީ
ގާނޫނުން އެލްޖީއޭއަށް ލިބިދީފައިވާ ބާރު ބޭނުންކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ
ތަރަހައިގެ ތެރެއިން ކަމަށްވީ ހިނދު ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި
ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލި އެވެ.

އެމްޑީޕީން
ބުނީ ޤާނޫނުއަސާސީން ތަސައްވަރުކުރާ ލާމަރުކަޒީ ނިޒާމެއް އެންމެ ފުރިހަމައަށް ހިންގޭނީ
މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގޭ
ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެން ކަމަށެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އިދާރީ
ހިންގުން ބަހާލާފައި އޮތީ އިދާރީ އަތޮޅު ތަކެއްގެ މައްޗަށް ކަމަށާއި، މިއިން ކޮންމެ
އަތޮޅަކީ ވަކި އިދާރީ، އިޤްތިސާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޔުނިޓެއްކަމުން އަތޮޅު ކައުންސިލްގެ
ދިފާއުގައި ކުޅުދުއްފުއްށީ ސިޓީ ކައުންސިލްގެ އިސްނެގުމަށް އެ ޕާޓީން މަރުހަބާ ކިޔާ
ކަމަށް ބަޔާނުގައި ވެ އެވެ.

އެމްޑީޕީން
ބުނީ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް
ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހުރަސް އަޅާ ޤާނޫނުތަކަށް
ގެނަސްފައިވާ އެންމެހާ ބަދަލުތައް އިހު އޮތްގޮތަށް އިޔާދަކުރާނެ ކަމުގެ ޔަޤީން ކަން
ރާއްޖޭގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.